އިނގިރޭސި ޕްރިމިއާ ލީގްގައި މި ސީޒަނުގައި ކުޅުނު އެންމެ ފަހު މެޗު 3-1ގެ ނަތީޖާއަކުން އޭއެފްސީ ބޯންމަތު އަތުން މެންޗަސްޓާ ޔުނައިޓެޑް މޮޅުވެ ލީގްގެ ފަސް ވަނައިގައި އެޓީމުން މި ސީޒަން ނިންމާލައިފިއެވެ.

ރޭގެ މޮޅާއި އެކު ޔުނައިޓެޑަށް 66 ޕޮއިންޓާ އެކު ލީގްގެ ފަސް ވަނަ ލިބުނުއިރު ލީގް ކާމިޔާބް ކުރި ލެސްޓާ ސިޓީ އޮތީ އެއް ވަނައިގައި 81 ޕޮއިންޓާއި އެކުއެވެ. 71 ޕޮއިންޓާއި އެކު އާސެނަލް އަށް ދެވަނަ ލިބުނު އިރު ތިން ވަނައިގައި ޓޮޓެންހަމް އޮތީ 70 ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުން ބަލިވި ބޯންމަތު އޮތީ 42 ޕޮއިންޓާ އެކު 16 ވަނައިގައެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު އެ މެޗުގައި އެ ޓީމްގެ ފުރަތަމަ ގޯލު ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ވޭން ރޫނީ ކާމިޔާބް ކުރީ އެންތޮނީ މާޝިއަލް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެ ޓީމްގެ ދެވަނަ ގޯލު ކާމިޔާބް ކުރީ އިނގިރޭސި ގައުމީ ޓީމަށް މި ފަހަރު އަލަށް ނެގި ޒުވާން ފޯވާޑް މާކަސް ރަޝްފޯޑުއެވެ. ޔުނައިޓެޑަށް ލީޑް އިތުރަށް ފުޅާ ކޮށްދިން ގޯލު މެޗުގެ 87 ވަނަ މިނެޓްގައި ރޫނީގެ އެހީތެރިކަމާއި އެކު ކާމިޔާބް ކުރީ އޭސްލީ ޔަންގެ އެވެ.

ބޯންމަތަށް ސުން ކަނޑުވާލެވުނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓްގެ ވެސް އެންމެ ފަހު ވަގުތު ކޮޅުގައި ޔުނައިޓެޑްގެ ސެންޓަރ ބެކް ކްރިސް ސްމޯލިން އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

ރޭގެ މެޗުން ޔުނައިޓެޑް މޮޅުވި ނަމަވެސް އެ ޓީމަށް ވަނީ މި ފަހަރު ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭ ގޮތް ނުވެފައެވެ. ވޭތުވެ ދިޔަ ދެ އަހަރު ވެސް ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުން ޖާގައެއް ނުލިބޭ ކަން ފާހަގަ ކޮށްލެވެއެވެ. އެހެން ނަމަވެސް އެޓީމު ވަނީ ޔޫރޮޕާ ލީގަށް ކޮލިފައިވެފައެވެ.