ސްރީލަންކާގެ ނެޝެނަލް ޗެމްބަރސް އޮފް ކޮމަރސް އިން އިންތިޒާމުކޮށްގެން ޖުލައި މަހު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް އިންޑިޖިނަސް ހެލްތުކެއަރ އެގްޒިބިޝަން – އަޔުރުވެދާ އެކްސްޕޯ 2016" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހީންނަށް ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އެކްސްޕޯގައި ދިވެހިރާއްޖޭގެ ކުންފުނިތަކަށާއި ފަރުދުންނަށް ބައިވެރިވުމަށް ލަންކާގެ އެކްސްޕޯ ޑިވެލޮޕްމަންޓް ބޯޑުން ދައުވަތު ދީފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ހޮސްޕިޓަލު ތަކާއި ކުލިނިކުތައް ހިންގާ ފަރާތްތަކުގެ އިތުރުން ދިވެހިބޭސް ކުރާ ފަރާތްތަކުގެ ތެރެއިން އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މޭ 31 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ސިޓީއަކުން ހެލްތު މިނިސްޓްރީ އަށް އެކަން އެންގުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފަ އެވެ.

އެ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް ތިންދުވަހުގެ ހުރުމާއި ކެއުން، ސްރީލަންކާގެ އެކްސްޕޯ ޑިވެލޮޕްމަންޓް ބޯޑުން ހަމަޖައްސައިދޭނެ އެވެ.

މި އަހަރުގެ އެކްސްޕޯ ކުރިއަށް ދާނީ ޖުލައި މަހުގެ އަށް ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށެވެ.