ރިޔާދް(މޭ 18): މަޝްވަރާކޮށްގެން ސީރިއާގެ މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ، އަސްކަރީ ބާރު ބޭނުން ކޮށްގެން އެގައުމުގެ ވެރިކަން ބަދަލު ކުރަން ޖެހިދާނެ ކަމަށް ސައުދީ އަރަބިއާއިން ބުނެފި އެވެ.

ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރު، އާދިލް އަލްޖުބައިރު އެފަދައިން ވިދާޅުވީ އޮސްޓްރިއާގައި އޮތް އިންޓަނޭޝަނަލް ސީރިއާ ސަޕޯޓު ގްރޫޕު (އައިއެސްއެސްޖީ)ގެ ބައްދަލުވުމަކަށް ފަހުގަ އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި 'ޕްލޭން ބީ" އަކަށް އަމަލު ކުރަންވީތާ މާބޮޑަށް ލަސްވެސް ވެއްޖެ. އަޅުގަނޑުމެން ތަފާތު ޕްލޭނަކަށް އަމަލު ކުރަން ފަށާނީ ނުވަތަ [ސީރިއާގެ ސަރުކާރާ] އިދިކޮޅު ފަރާތްތަކަށް އިތުރު އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ނިންމާނީ ބައްޝާރުގެ ވެރިކަމަށް ބަލާފަ،" މިނިސްޓަރު ޖުބައިރު ވިދާޅުވި އެވެ.

ސައުދީ އަރަބިއާ އަކީ ސީރިއާގައި މިހާރު އޮތް ވެރިކަން ވައްޓާލުމަށާއި ބައްޝާރުލް އައްސަދުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ ފަރާތްތަކަށް އެންމެ ވާގިވެރިވާ އެއް ގައުމެވެ.

ޔޫއެން އިން އިންތިޒާމުކޮށްގެން މިދިޔަ މަހުގެ 13ގައި ފެށި ސީރިއާގެ ސުލްހައިގެ ވާހަކަތައް ހުއްޓާލަން ޖެހުނީ ސައުދީން ވާގިވެރިވާ ސީރިއާގެ މައި އިދިކޮޅު ޖަމާއަތް، ހައި ނެގޯޝިއޭޝަން ކޮމިޓީ (އެޗްއެންސީ) ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާން ދެކޮޅު ހެދުމުންނެވެ. (ޕްރެސްޓީވީ)