ހުޅުމާލޭގައި ހުޅުވާ، "ސެންޓްރޯ" ޝޮޕިން މޯލްގެ ބިޑު ކާމިޔާބު ކުރި 17 ފަރާތްތަކާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެޗްޑީސީގެ މައި އޮފީހުގައި ރޭ ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ބިޑު ކާމިޔާބު ކުރި 17 ފަރާތުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ.

ސެންޓްރޯ މޯލްގެ ބިޑު ކާމިޔާބު ކުރި ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއި ކުރުން --- ފޮޓޯ: އެޗްޑީސީ

އެޗްޑީސީ އިން މައުލޫމާތުދޭ ގޮތުގައި ސެންޓްރޯ މޯލްގައި ވިޔަފާރި ހިންގާނީ ރޭ އެބަސްވުމުގައި ސޮއިކުރި 17 ފަރާތުންނެވެ. އަދި އެ ފަރާތްތަކަށް މިހާރު މޯލްގެ ޔުނިޓުތައް ދީފައިވާ ކަމަށާއި އެ ފަރާތްތަކުގެ ފިހާރަތައް ނިމުމުން، މޯލްގެ ހިދުމަތް ފަށާނެ ކަމަށެވެ.

ސެންޓްރޯ މޯލް ހުޅުވަން ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ ތެރޭގަ އެވެ. ސެންޓްރޯ މޯލްގައި ސުޕަމާރުކޭޓަކާއި، ސެލޫން އާއި، ހިފައި ގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކްސް، ގާމެންޓްސް އަދި ޓެކްސްޓައިލް ވިޔަފާރިތައް ކުރެވޭ އިރު ފާމަސީ، އަދި ބޭންކުގެ ހިދުމަތްތައް ލިބޭނެ އެވެ.