18 May 2016, 11:36
ވަޒީފާއަށް ފަރުވާކުޑަވުމުގެ ސަބަބުން ދެފަހަރެއްގެ މަތިން ޖަލުން ގައިދީން ފިލިކަމަށް ބުނެ 2014 ވަނަ އަހަރު ވަޒީފާއިން ވަކިކުރި ޖަލު އޮފިސަރަކަށް ވަޒީފާދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ވަޒީފާއަށް ފަރުވާކުޑަވެގެން ކަމަށްބުނެ ވަޒީފާއިން ކަނޑާލީ ގާނޫނީ އެއްވެސް ސަބަބެއް ނެތި ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކަރެކްޝަންސްގެ ޕްރިޒަން ލާންސް ކޯޕްރަލްއެއްގެ މަގާމުގައި ކުރިން ހުރި ކ. މާފުށި، ނަޔާގުލްޝަން، އަލީ އަބްދުﷲ އެެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ 2014 ޖެނުއަރީ 22 ވަނަ ދުވަހު އެވެ.
އެމައްސަލައިގައި އޭނާ ދައުވާކޮށްފައިވަނީ ގާނޫނީ އެއްވެސް ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުން ވަޒީފާ އަނބުރާ ލިބިދިނުމަށާއި ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ލިބޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާ އިނާޔަތް އެކީ އެއްފަހަރާ ލިބިދިނުމަށް އެދި އެވެ.
މައްސަލަ ނިންމައި މިމަހުގެ 12 ވަނަ ދުވަހު ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އަލީ އަބްދުﷲ ވަޒީފާއަށް ފަރުވާކުޑަވުމާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކޮށްފައި ނުވާތީ ޖަލުގެ ގައިދީން ދެފަހަރެއްގެ މަތިން ފިލާފައިވާކަމަށް ބުނި ނަމަވެސް އެކަން ސާބިތުވާވަރަށް ކަރެކްޝަސްގެ ފަރާތުން ހެކި ހުށަހަޅާފައި ނުވާކަމަށެވެ. އަދި ސިވިލް ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އަލީ އަބްދުﷲ ހިލާފުވެފައިވާކަމެއް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން ނެތް ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
ޖަލުން ދެފަހަރެއްގެ މަތިން ގައިދީން ފިލީ އަލީ އަބްދުﷲގެ ސަބަބުން ކަމަށް ބުނެ ވަޒީފާއިން ވަކިކުރީ އެހާދިސާ ހިނގިތާ 19 މަސްދުވަސް ފަހުކަމަށާއި އަދި އޭނާ ވަކިކޮށްފައިވަނީ އިދާރީގޮތުން ނަސޭހަތެއް ނުވަތަ އިންޒާރެއްވެސް ނުދީކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރީ " ކުރެވުނު ވަހުމެއްގެ ހީއެއްގެ މައްޗަށް" ބިނާކޮށް ކަމަށް ހުކުމުގައިވެ އެވެ.
ކަމެއްގެ މައްޗަށް މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ އިރު އެކަމަކީ ހަގީގަތުގައިވެސް އެމީހެއްގެ ޑިއުޓީގައި އެމީހެއްގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމާއި އެކަމަކާއިމެދު ތުހުމަތުކުރެވޭ މީހާއާ އޮތް ގުޅުމާއި އެކަމެއްގައި ބައިވެރިވުމަށް ކުރި އަމަލު ތަހުގީގަށް ސާބިތުކޮށްދޭން ޖެހޭނެކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
މަދަނީ މިންގަނޑުން މީހެއްގެ މައްޗަށް ކަމެއް ސާބިތުވިކަމަށް ބެލެވޭނީ އެމީހާގެ މައްޗަށް ތުހުމަތުކުރެވޭ ކަމެއް އެކަމެއްގައި ބުރަވެވޭ ވަރަށް ހެކި ލިބިފައި ހުރެގެން ކަން ހެއްކާ ބެހޭ ގާނޫނުގެ ހަވަނަ މާއްދާއާ ހަވާލާދީ ހުކުމުގައި ވަނީ ބުނެފަ އެވެ.
އަލީ އަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ ސިވިލް ސާވިސްގެ ގަވާއިދާ، ސިވިލް ސާވިސްގެ ކޯޑްއޮފް ކޮންޑަކްޓާ ހިލާފުވެގެން ކަން ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާތީ އޭނާއަކީ އަދިވެސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއިން ވަކިނުވެ އެވަޒީފާގައި ދެމިހުރި މީހެއްކަމުގައި ބެލުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ވަޒީފާއިން ވަކު ކުރި ދުވަހުން ފެށިގެން އަލީ އަބްދުﷲއަށް ދޭންޖެހޭ އިނާޔަތާއި މުސާރަ ދިނުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި 12 މޭ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އޭނާ ވަޒީފާއަށް ނުކުތުމަށް ހަމަޖައްސަން ޖެހޭ ހުރިހާ އިދާރީކަމެއް ހަމަޖެއްސުމަށް ކަރެކްޝަންސްއަށް ވަނީ އަންގާފަ އެވެ.