18 May 2016, 11:28
ސަލްމާން ޚާން އާއި ރޫމޭނިއާގެ ޓީވީ ތަރި ޔޫލިއާ ވަންތޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. އެ ވާހަކަތައް އަނެއްކާވެސް ގަދަވެފައި މިވަނީ ބޮލީވުޑުގެ ކާމިޔާބު އެކްޓްރެސް، ޕްރިތީ ޒިންތާގެ ކައިވެނީގެ އުފަލުގައި ބޮލީވުޑުގެ ފަންނާނުންނަށް ދިން ކެއުމަށް އެ ދެމީހުން އެކުގައި ދިއުމުންނެވެ.
އެ ދުވަހުގެ ކުރިން، ސަލްމާން އަދި ޔޫލިއާ އެކުގައި ތަންތަނަށް ގޮސް އުޅެނިކޮށް ފެނިފަ އެއް ނުވެ އެވެ. ނަމަވެސް ސަލްމާންގެ މަންމަގެ އަތުގައި ހިފައިގެން ޔޫލިއާ އެއާޕޯޓުން ނުކުތް މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. އަދި ސަލްމާންގެ އާއިލާ އާއެކު ބައެއް ހަފްލާތަކުން އޭނާ ފެނިގެން ގޮސްފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
ކޮންމެއަކަސް ޕްރިތީގެ ކައިވެނީގެ އުފަލުގައި ބޭއްވި ހަފްލާއިން ދެމީހުން އެކުގައި ފެނިގެން ދިއުމުން ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަން ޔަގީންވެގެން ގޮސްފައިވާ ކަމަށާއި، ކައިވެންޏާ ދިމާލަށް މިސްރާބު ޖަހާފައި ވާކަމަށް ހަބަރުތައް ބުނަން ފެށިއެވެ.
މިހާރު މި އޮތީ ކައިވެނި ކުރާނެ ދުވަސް ފައިނަލްވި ވާހަކަ އެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވާގޮތުން، އަންނަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ސަލްމާނާއި ޔޫލިއާ ކައިވެނި ކުރާގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ.
ކައިވެނީގެ ތާރީހު ކަނޑައެޅީ ސަލްމާންގެ އާއިލާ އިން ކަމަށްވެ އެވެ.
ޑިސެމްބަރު 27 އަކީ ސަލްމާންގެ އުފަންދުވަހެވެ. ޑިސެމްބަރު 27 ގައި ސަލްމާނަށް 51 އަހަރު ފުރޭ އިރު، އަންނަ ޖުލައި މަހުގެ 24 ވަނަ ދުވަހު ޔޫލިއާއަށް ފުރޭނީ 36 އަހަރެވެ.