ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އެގައުމަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމާއި އެހެނިހެން ހާދިސާތައް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ވިއްސާރައާ ގުޅިގެން ސްރީލަންކާގެ ވެރިކަން ކުރާ ސިޓީ، ކޮލޮމްބޯގެ މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ އާންމު ދިރިއުޅުމަށް ވަނީ ބުރޫ އަރައިފަ އެވެ.

ބައެއް އެހެން ސަރަހައްދުތަކުގައި ވެސް ފެންބޮޑުވެފައިވާ އިރު، ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރައާ ގުޅިގެން ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ފޭބުމުގެ ހާދިސާތަކެއް ހިނގާފައި ވެ އެވެ.

މި ހާދިސާތައް ބޮޑަށް ހިނގާފައި ވަނީ، ކޮލޮމްބޯއިން ކެންޑީ އަދި ނުވަރައެލިޔާ ފަދަ ފަތުރުވެރި ސަރަހައްދުތަކަށް ދަތުރުކުރަން ބޭނުންކުރާ މަގު ހުރަސްކުރާ ކޭގަލްލަ ޑިސްޓްރިކްޓުގަ އެވެ. ބައެއް ގެތަކުގެ މައްޗަށް ވެސް ބިންގަނޑު ފައިބައިފައިވާ އިރު، އެ ހާދިސާތަކުގައި 20 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މީގެ އިތުރުން ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ބައެއް މީހުން ގެނބިގެން މަރުވުމުގެ ހާދިސާތަކެއް ވެސް ދަނީ ކުރިމަތިވަމުންނެވެ.

ސްރީލަންކާގެ މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނީ، އެގައުމަށް ވިއްސާރަ ކުރާނެކަން، އެ އިދާރާއިން ވަނީ މެއި 10 ވަނަ ދުވަހު ލަފާކޮށްފައި ކަމަށެވެ. އެހެން ނަމަވެސް ވިއްސާރައާ ގުޅިގެން މިހާރު ހިނގަމުންދާ ހާދިސާތައް ހިނގާފާނެކަން ލަފާކުރުމަށް އެ އިދާރާއަށް ނުކުޅެދުނީ، ޑިޖިޓަލް ވަސީލަތްތައް އެ އިދާރާގައި ނެތުމުން ކަމަށް ލަންކާގެ މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުންޏެވެ.

ލަންކާގެ މޫސުން ގޯސްވެ، މިފަދަ ހާދިސާތައް ހިނގަމުން ދާތީ، ބޭރު ގައުމުތަކުން ދަނީ ސްރީލަންކާއަށް ދަތުރުކުރާ އެގައުމުތަކުގެ ފަތުރުވެރިން ސަމާލުވުމަށް އެދި ޓްރެވަލް އެޑްވައިޒަރީ ވެސް ނެރެމުންނެވެ.