18 May 2016, 10:55
ބ. އޭދަފުށީގައި ހުރި އެމްޑީޕީގެ ޖަގަހަ، "ފިނިއަށި" ރޫޅާލުމުގެ މަސައްކަތް ފުލުހުން މިއަދު ފަށައިފި އެވެ.
ފުލުހުން ބުނީ ބައެއް ރަށްރަށުގައި ދައުލަތުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ހުރި ޖަގަހަ ފަދަ ތަންތަން ނަގައި ބިންތައް ސާފު ކުރުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެއީ ދައުލަތުގެ ބިންތަކުގައި ކައުންސިލްތަކުން ހުއްދަ ހޯދުމަކާ ނުލައި ސިޔާސީ ޕާޓީތަކުން ޖަގަހަ ހަދައި އެފަދަ ބިންތަކުގެ ބޭނުން ކުރަމުން ގެންދާތީ ކަމާ ބެހޭ އިދާރާތަކުން ފުލުހުންގެ ކިބައިން އެކަމަށް އެދިފައި ވާތީ ކަމަށެވެ.
އޭދަފުށީގައި ހުރި އެމްޑީޕީގެ "ފިނިއަށި" ޖަގަހައިގައި، ބިމާ ބެހޭ ގާނޫނާ ހިލާފަށް ދައުލަތުގެ ބިމުގައި ކައުންސިލުގެ ހުއްދަ ހޯދުމަކާ ނުލައި އެމްޑީޕީ އިން ސިޔާސީ ހަރަކާތް ހިންގަމުން ގެންދާ ކަމަށް ބުނެ އެތަން އެރަށު ކައުންސިލުގެ ބެލުމުގެ ދަށަށް ނެގުމަށް ހައުސިން މިނިސްޓްރީ އިން ކައުންސިލަށް އަންގާފައި ވަނީ މި މަހުގެ ތެރޭގަ އެވެ.
ހައުސިން މިނިސްޓްރީގެ އެންގުމާ ގުޅިގެން، މިދިޔަ އާދީއްތަ ދުވަހު އެ ކައުންސިލުން ކުރި އިއުލާނެއްގައި، ޖަގަހައިގައި އެއްވެސް މީހެއްގެ އެއްޗެއް ހުރި ނަމަ، އިއްޔެގެ ނިޔަލަށް އެ އެއްޗެއް ގެންދިއުމަށް ވަނީ އަންގައިފަ އެވެ.

އޭދަފުށީގައި ހުންނަ އެމްޑީޕީގެ "ފިނިއަށި" ކުރިން ހުރި ގޮތް --- ފޮޓޯ: އީޓީ
ދައުލަތުގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ހުރި ޖަގަހަ ފަދަ ތަންތަން ނެގުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް ފުލުހުން ވަނީ ދ. ކުޑަހުވަދޫގައި ހުރި ބައެއް ޖަގަހަ އާއި ހއ. ދިއްދޫގައި ހުރި ބައެއް ޖަގަހަ ނަގައި އެތަންތަން ސާފުކޮށްފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީ އަދި ޕީޕީއެމްގެ ޖަގަހަ ވެސް ހިމެނެ އެވެ.
އެ ފަދަ ޖަގަހަތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަނީ ކަމާ ބެހޭ ފަރާތްތަކުން ޖަގަހަތައް ނަގަން އަންގައި، މުއްދަތެއް ދިނުމަށް ފަހު ވެސް އެ ޖަގަހަތައް ނުނަގައި ހުންނަނަމަ އެވެ.
އިތުރު ބައެއް ރަށްތަކުގައި ހުރި ޖަގަހަތައް ރޫޅާލުމުގައި ވެސް ފުލުހުން މިއަދު ހަރަކާތްތެރިވާނެ ކަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އެ ރަށްތަކުގެ ތަފްސީލެއް ދީފައެއް ނުވެ އެވެ.