ވޮޝިންޓަން (މޭ 18): އެމެރިކާގެ އޮރެގަން ސްޓޭޓުގައި އެގައުމުގެ ޑިމޮކްރަޓިކް ޕާޓީން އިއްޔެ ބޭއްވި ރިޔާސީ ޕްރައިމަރީން ބާނީ ސޭންޑާސް ކުރި ހޯއްދެވި އިރު، ކެންޓަކީ ސްޓޭޓުގައި އޮތް ޕްރައިމަރީން ހިލަރީ ކްލިންޓަން ކުރި ހޯއްދަވައިފި އެވެ.

ކެންޓަކީ ސްޓޭޓް ބޯޑް އޮފް އިލެކްޝަންސްގެ ޗެއާވުމަން، އެލިސަން ގްރައިމްސް ވިދާޅުވީ ކެންޓަކީގައި އޮތް އިންތިހާބު ހިލަރީ ކްލިންޓަން ކާމިޔާބު ކުރެއްވީ ވަރަށް ކުޑަ ތަފާތަކުން ކަމަށެވެ.

އޮރެގަންގެ ޕްރައިމަރީ ސޭންޑާސް ކާމިޔާބު ކުރެއްވި ނަމަވެސް، ޑެލިގޭޓުންގެ އަދަދަށް ބަލާއިރު ވަރަށް ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ ހިލަރީ އެވެ. ސޭންޑާސް އަށް ތާއިދު ކުރާ ޑެލިގޭޓުންގެ އަދަދަކީ 1،528 ކަމަށްވާ އިރު ހިލަރީ އަށް ތާއިދު ކުރާ ޑެލިގޭޓުންގެ އަދަދު 2،291 އަށް އަރަ އެވެ. އެހެންކަމުން ޑިމޮކްރަޓިކް ކެނޑިޑޭޓަކަށް ވުމަށް ބޭނުންވާ 2،383 ޑެލިގޭޓުން ކާމިޔާބު ކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ހިލަރީ ކްލިންޓަން އެވެ.

ނަމަވެސް ސޭންޑާސް ވަނީ އޭނާ އަށް ތާއިދު ކުރާ ފަރާތްތަކުން އުއްމީދު ކަނޑާ ނުލުމަށާއި ކެމްޕެއިނާ އެކު ކުރިއަށް ދިޔުމަށް ގޮވާލައްވާފަ އެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން އޮރެގަންގައި ބޭއްވި ޕްރަމަރީ ކާމިޔާބު ކުރެއްވީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓުކަމަށް ވާދަ ކުރައްވަމުން ގެންދަވާ ހަމައެކަނި ކެނޑިޑޭޓުކަމަށްވާ، ޑޮނަލްޑް ޓްރަމްޕެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ވުމަށް ޓްރަމްޕަށް ދެން ބޭނުންފުޅު ވަނީ 77 ޑެލިގޭޓުންނެވެ. (ބީބީސީ)