18 May 2016, 10:17
ތ. ބުރުނީގެ އެންމެ ދުވަސްވީ މީހުން ވެސް އެރަށުފަޅުތެރެއިން ރާގޮނޑި ނުހިފާ އަހަރެއް ހަދާނެއް ނުހުރެއެވެ. އެއީ އެރަށަށް ޒަމާނުންސުރެ ލިބެމުންދާ ރޯއްޖެކެވެ. ކުރިން ކެއިންބުއިމަށް ބޭނުންކުރަމުން ދިޔަ ނަމަވެސް ހޭލުންތެރިކަން އިތުރުވެ މިއަދު މިވަނީ އެތައް ނަފައެއް އެކަމުން އެރަށު ރައްޔިތުން ހޯދަން ފަށައިފައެވެ.
މިއަހަރު އެރަށު ފަޅު ތެރެއަށް ރާގޮނޑި ވަންނަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. ހޯމަ ދުވަހު 200 އަށްވުރެ ގިނަ ރާގޮނޑިހިފިއިރު އިއްޔެ 450 ވަރަކަށް ރާގޮނޑި ހިފާފައިވާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ. އެ މަސްތައް ހިފުމަށް އެރަށުގެ ކުދި ބޮޑު ދެ ޖިންސުގެ މީހުން ފޯރީގައި ވަގުތު ހޭދަކުރެ އެވެ.

ބުރުނި ފަޅުތެރެެއިން މަސް ހިފުން--- ފޮޓޯ ބުރުނީ ފޭސްބޫކް ޕޭޖް
ބުރުނީ ކައުންސިލްގެ ރައީސް އުސްމާން އަރީފް މިއަދު ސަން އަށް ވިދާޅުވީ އަނެއްކާވެސް އެރަށުން ރާގޮނޑި ހިފަން ފަށާފައިވާއިރު ލިބޭ މަސް ރަށުގައި އުޅޭ މީހުންގެ އާބާދީގެ ނިސްބަތުން ގޭބިސީތަކަށް ބަހަމުން އަންނަ ކަމަށެވެ.
ކޮންމެ ގެއަކަށްވެސް ލިބޭ މަސް ކައްކައި ހިއްކައި ވަޅޯކޮށް ރިހާކުރު ކައްކައި ހެދުމަށްފަހު ވިއްކުމަށް މާލެ ފޮނުވަމުން އަންނަ ކަމަށާއި އެކަމުން އެރަށަށް ރަނގަޅު އާމްދަނީއެއް ލިބެމުން އަންނަ ކަމަށް އުސްމާން ވިދާޅުވިއެވެ. އެގޮތުން ލިބޭ އާމްދަނީ ބައެއް ފަހަރު ތިން ލައްކަ ރުފިޔާއަށް އަރާކަމަށް ވިދާޅުވިއެވެ.

ބުރުނި ފަޅުތެރެެއިން މަސް ހިފުން--- ފޮޓޯ ބުރުނީ ފޭސްބޫކް ޕޭޖް
"މަސް ކައްކައި ހިއްކައިގެން މާލެ މިފޮނުވަނީ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން އަޅުގަނޑުމެން ހިސާބުތައް ބަލާލިއިރު ތިން ލައްކަ ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައި،" ކައުންސިލްގެ ރައީސް އުސްމާން ވިދާޅުވިއެވެ.
އެރަށު ފަޅުތެރެއިން ރާގޮނޑި ހިފަމުން ދަނީ ހުޅަނގު މޫސުމާ ގުޅިގެންނެވެ. އެކަން ދެ ތިން މަހަށްވެސް ބައެއް ފަހަރު ދެމިގެންދާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެގޮތުން އެމުއްދަތުގައި ކޮންމެ ދުވަހެކޭ ބުނެވޭހެން އެތައް ސަތޭކަ ރާގޮނޑި ހިފަމުންދާ ކަމަށް ކައުންސިލުން ބުންޏެވެ.

ބުރުނި ފަޅުތެރެެއިން މަސް ހިފުން--- ފޮޓޯ ބުރުނީ ފޭސްބޫކް ޕޭޖް
ރާގޮނޑި މަސްވެރިކަމާއެކު ބުރުނީ ރައްޔިތުން މިވަނީ ކިތަންމެހާވެސް ނަސީބުގަދަބަޔަކަށް ވެފައެވެ. އެ ރޯދީގެ ބޭނުން ހެޔޮތުގައި ހިފައި ބުރުނީ ރައްޔިތުން ދަނީ އެ މަސައްކަތުން ރަނގަޅު ނަފާތަކެއް ހޯދަމުންނެވެ.