މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު އެއް ހިންދީ ފިލްމު ކަމުގައިވާ "3 އިޑިއަޓްސް" ގެ ދެވަނަ ބައެއް އުފެއްދުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ މިވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް ފިލްމުގެ މަސައްކަތް ފަށަން ވަގުތު ނަގާނެ ކަމަށާއި، އިތުރު އެއްވެސް އެއްޗެއް އަދި ބުނެވެން ނެތް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ކޮންމެ އަކަސް، ފިލްމުގެ މަސައްކަތް ފަށާނެ ދުވަހެއް ނޭނގުނު ނަމަވެސް، އެތައް ބަޔަކު މިހާރުވެސް ތިބީ "3 އިޑިއަޓްސް" ގެ އިންތިޒާރުގަ އެވެ. އެގޮތުންވެސް ފިލްމަށް އެންމެ ބޮޑު އިންތިޒާރެއް ކުރަނީ އެ ފިލްމުގައި "ރާޖޫ" ގެ ރޯލުން ފެނިގެން ދިޔަ ޝަރްމަން ޖޯޝީ އެވެ.

3 އިޑިއަޓްސްގައި ޝަރްމަން ޖޯޝީ: ފިލްމުގެ ދެވަނަ ބަޔަކަށް އޭނާ ހުރީ ކެތްމަދުވެފައި

"ރާޖުކުމާރު ހިރާނީ ވަނީ ފިލްމުގެ ދެވަނަ ބައެއް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފައި. އަހަރެން މިހާރު ކެތްމަދުވެފައި މި ހުންނަނީ ސްކްރިޕްޓް ނިމޭނެ ދުވަހަކަށް. އޭރުން އަނެއްކާވެސް އެންމެން އެކުގައި މަސައްކަތް ކުރަން ފެށޭނީ،" އިންޑިއާގެ ނޫހަކަށް ޝަރްމަން ބުނެފައިވެ އެވެ.

ފިލްމުގެ ދެވަނަ ބައެއް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޑައިރެކްޓަރު ހާމަކޮށްފައި ވީނަމަވެސް، ދެވަނަ ފިލްމުން ފެނިގެންދާނީ ފުރަތަމަ ފިލްމުން ފެނިގެން ދިޔަ ތަރިން ކަމެއްވެސް އަދި ޔަގީނެއް ނޫނެވެ.

ޝަރްމަން އާއެކު ދެން "3 އިޑިއަޓްސް" އިން ފެނިގެން ދިޔައީ އާމިރު ހާން، ކަރީނާ ކަޕޫރު، އާރު. މާދަވަން އަދި ބޯމަން އިރާނީ އެވެ. 11 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި އެ ފިލްމަށް، 78 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.