18 May 2016, 09:34
ވޮޝިންޓަން(މޭ 18): އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓުކަމަށް ވާދަ ކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އިއްޔެ ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާއިން ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމާ ބެހޭ ގޮތުން އެގައުމުގެ ލީޑަރު، ކިމް ޖޮންގް އުންއާ ވާހަކަފުޅު ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
"އަޅުގަނޑު އޭނާ [ކިމް ޖޮންގް އުން]އާ ވާހަކަ ދައްކަފާނަން. ކިމްއާ ވާހަކަ ދެއްކުމަށް އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާއަކީ ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ އެއްފަދައިން ސިޔާސީ ގޮތުން އުތުރު ކޮރެއާ އެކަހެރިކުރުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. އެހެންކަމުން ޓްރަމްޕް އެފަދައިން ވިދާޅުވުމަކީ އެމެރިކާއިން ގެންގުޅޭ ސިޔާސަތާ މުޅިން ހިލާފު ބަސްފުޅެކެވެ.
މީގެ އިތުރުން، އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލައަށް ހައްލެއް ގެނައުމަށް އެހީތެރިވުމަށް، އެގައުމަށް ވާގިވެރިވާ ހަމައެކަނި ގައުމު ކަމަށްވާ ޗައިނާއަށް ޕްރެޝަރު ކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ ވާހަކަފުޅާ ބެހޭ ގޮތުން އުތުރު ކޮރެއާއިން އަދި އެއްވެސް އެއްޗެކޭ ބުނެފައި ނުވާ އިރު، އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަންގެ އަރިސް ބޭފުޅަކު ވަނީ ޓްރަމްޕްގެ ހާރިޖީ ސިޔާސަތު "އެއްވެސް ވަރަކަށް ހަމަނުޖެހޭ" ކަމަށް ވިދާޅުވެފަ އެވެ. (ރޮއިޓާސް)