އީރާނާ އެކު އޮތް ޑިޕޮލޮމެޓިކް ގުޅުން ކަނޑާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އިދިކޮޅު ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުކިޔައިފި އެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އީރާނާ އެކު އޮތް ޑިޕޮލޮމެޓިކް ގުޅުން ކަނޑާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެ ގުޅުން ކަނޑާލުމަކީ ދިވެހީންނަށް ލިބޭ އިތުރު ނިކަމެތި ކަމެއް ކަމަށެވެ.

ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ގަލްފު ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަކީ ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، އެސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާ ކަމަށާއި އެސަބަބަށް ޓަކައި އިރާނާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ސަރުކާރުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މިދިޔަ އެޕްރީލް މަހު ތުރުކީގައި ބޭއްވި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ސަމިޓުގައި އިސްލާމީ ގައުމުތަކުން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމަށް ނުފޫޒު ނުފޯރުވައި، ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކުރުމަށާއި ދެބަސްވުމާއި ޚިޔާލު ތަފާތުވުންތައް ނައްތާލުމުގައި އޯއައިސީ އާއި ޔޫއެން ޗާޓަރާ އެއްގޮތަށް ސުލްހަވެރި ގޮތްތައް އިޚްތިޔާރު ކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ވެއެވެ.