އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ވިކްޓްރީ ސްޕޯޓްސް ކުލަބު އަތުން 0-3ގެ ނަތީޖާ އަކުން މޮޅުވެ ކުލަބު އީގަލްސް ދެވަނާގައި ހަމަ ޖެހިލައިފިއެވެ.

އެ ނަތީޖާ އެކު އީގަލްސް ދެ ވަނާގައި ހަތް ޕޮއިންޓާ އެކު އޮތް އިރު އެއް ވަނާގައި އޮތް މާޒިޔާ އަށް ލިބެނީ ނުވަ ޕޮއިންޓެވެ. އީގަލްސް އަތުން ބަލިވި ވިކްޓްރީ އޮތީ ކުޅުނު ތިން މެޗުން ބަލިވެ ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު އީގަލްސްގެ ފުރަތަމަ ގޯލު ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓްގައި އެ ޓީމަށް ކާމިޔާބް ކޮށްދިނީ މުހައްމަދު ސާދިގް އެވެ. އޭނާ އެ ގޯލު ކާމިޔާބް ކުރީ އީގަލްސް އަށް ލިބުނު ހިލޭ ޖެހުމެއް ރިޒްވާން ގޯލު ކުރިމައްޗަށް ނެގެމުން ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

އެއް ގޯލުގެ ތަފާތުން އީގަލްސް ކުރީގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު ދެވަނަ ހާފްގައި އީގަލްސް އަށް ލީޑް ފުޅާ ކޮށްދިނީ 55 ވަނަ މިނެޓްގައި އިބްރާހިމް އައިސަމް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ރިޒްވާން އެވެ.

އީގަލްސްގެ ތިން ވަނަ ގޯލު މެޗުގެ 68 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބް ކޮށްދިނީ ހަސަން ރާއިފް އަހުމަދު އެވެ. އޭނާ އެ ގޯލު ކާމިޔާބް ކުރީ ވިކްޓްރީގެ ކީޕަރު ވެސް ބީޓް ކުރުމަށް ފަހު އެވެ.

ލީގްގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ހަވީރު ކުޅޭ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނިކުންނާނީ ޔުނައިޓެޑް ވިކްޓްރީ އެވެ. ދެވަނަ މެޗުގައި މާދަމާ ރޭ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ނިކުންނާނީ ބީޖީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.