އީރާނާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ގަލްފު ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަކީ ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާ ކަމަށާއި އެސަބަބަށް ޓަކައި އިރާނާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ސަރުކާރުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މިދިޔަ އެޕްރީލް މަހު ތުރުކީގައި ބޭއްވި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ސަމިޓުގައި އިސްލާމީ ގައުމުތަކުން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމަށް ނުފޫޒު ނުފޯރުވައި، ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އިހުތިރާމްކުރުމަށާއި ދެބަސްވުމާއި ޚިޔާލު ތަފާތުވުންތައް ނައްތާލުމުގައި އޯއައިސީ އާއި ޔޫއެން ޗާޓަރާ އެއްގޮތަށް ސުލްހަވެރި ގޮތްތައް އިޚްތިޔާރު ކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައިވެ އެވެ.

އޯއައިސީގެ އެ ނިންމުމަށް އަމަލުކުރުމަށް އީރާނަށް ގޮވާލާފައިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.