14:30


ބ. މާޅޮހުގައި ޕްރީސްކޫލެއް އެޅުމަށް ކުރިން ހަމަޖައްސައިފައި އޮތް ބިން ނޫން އެހެން ސަރަހައްދަކުން ބިމެއް ދިނުމަށް ރަށު އޮފީހުން ނިންމުމާ ގުޅިގެން ރައްޔިތުންގެ ބަޔަކު ނިކުމެ ރަށު އޮފީސް ބަންދުކޮށްފި އެވެ.


މާޅޮހު ކައުންސިލަރ އަބްދުލް މަތީން ސޯލިހް މިއަދު ވިދާޅުވީ މިއަދު ގާތްގަނޑަކަށް 9:30 ހާއިރު އޭނާ ރަށު އޮފީހުގައި އިންނަވަނިކޮށް ރައްޔިތުންގެ ތެރެއިން ބަޔަކު ރަށު އޮފީސް ތެރެއަށް ވަދެ ރަށު އޮފީހުގެ ތަޅުދަނޑިފަތި ނެގުމަށްފަހު، ރަށު އޮފީހުން ކައުންސިލަރ ނުކުމެވަޑައިގަތުމަށް އެންގުމާއެކު އޮފީހުން ނުކުމެވަޑައިގެންނެވުމާއެކު އެމީހުން ރަށު އޮފީސް ތަޅުލުމަށްފަހު ތަޅުދަނޑިފަތި ހިފައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ މާރެސް ޖަމިއްޔާއަށް ނިސްބަތްވާ ބައެއް ކަމަށާއި އެމީހުން ރަށު އޮފީސް ބަނދުކުރީ އެމީހުން ބޭނުންވާ ގޮތަށް ކަންތައްތައް ނުކޮށްދީގެން ކަމަށް ވެސް ކައުންސިލަރ ވިދާޅުވި އެވެ.


މަތީން އިތުރަށް ވިދާޅުވީ އެމީހުންގެ ތެރެއިން މީހަކު އޭނާގެ ގައިގާ ޖެހި މައްސަލަ އާއި ރަށު އޮފީސް ބަންދުކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.


މާރެސް ޖަމިއްޔާގެ ޗެއާމަން އަހުމަދު ހުސެއިން މިއަދު ބުނީ އެ ޖަމިއްޔާ އިން 2007 ވަނަ އަހަރުން ފެށިގެން ޕްރީސް ސްކޫލް ހިންގަމުން އަންނަނީ ރަށު އޮފީސް ކުރިން ހިންގި ބާ އިމާރާތުގައި ކަމަށާއި ނަމަވެސް އެ އިމާރާތަކީ ކިޔަވައިދިނުމަށް އެކަށީގެންވާ ތަނެއް ކަމަށް ނުވާތީ، ރަށު އޮފީހުން ބިމެއް ހޯދުމަށް އެދުމުން އޮފީހުން އެންގީ ޕްރީސް ސްކޫލެއް އެޅުމަށް ހަމަޖައްސާފައި އޮތީ ހަމަ އެތަނުގައި ކަމަށެވެ. އަހުމަދު ބުނީ ރަށު އޮފީހުން އެއިމާރާތް ނީލަމަށްލުމުން ވެސް އިމާރާތް ލިބުނީ އެ މީހުންނަށް ކަމަށެވެ. އަދި އެއަށްފަހު އެ އިމާރާތް ތަޅާލުމަށްފަހު ބިން ސާފުކޮށްފައި ވަނިކޮށް، އެމީހުންނަށް އެބިން ނޫން އެހެން ބިމެއް ރަށު އޮފީހުން ދޭން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެކެވެމުންދާ ކަމަށާއި އެކަމާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހިތްހަމަނުޖެހިގެން އުޅުނު ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް މިއަދު ރަށު އޮފީސް ބަންދުކުރުމުގައި ހަރަކާތްތެރިވީ އެޖަމިއްޔާ އިން ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.