ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް (އެފްއޭއެމް)ގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދަށް ހަމަވިއިރު އެ މަގާމަށް ކުރިމަތިލީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަދި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން އަހުމަދު ތޯރިގް (ޓޮމް) އެކަނި ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކެޓްރީ މުހައްމަދު އާދަމް މިރޭ "ސަން"އަށް ވިދާޅުވީ އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު އެ މަގާމަށް ކުރިމަތިލާފައި ވަނީ ތޯރިގު އެކަނި ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް އިންތިހާބްގައި ތޯރިގު އެފްއޭއެމްގެ ރައީސް ކަމަށް ގެނައުމަށް ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ރާއްޖޭގެ ބޮޑެތި ކްލަބުތަކުގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ވެސް ކުރީގެ ފޯވާޑް ޓޮމް މީގެ ދެ ދުވަސް ކުރިން އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާނެ ކަން އިއުލާންކޮށް އޭނާގެ ފޭސްބުކް ޕޭޖްގައި އިއުލާންކޮށްފައި ވަނީ، އެފްއޭއެމްގެ ރައީސް ކަމަށް އޭނާ ކުރިމަތިލީ ފުޓްބޯޅަ ކްލަބުތަކާއި، ފުޓްބޯޅައިގެ އިސްފަރާތްތަކާއި، ކުރީގެ ކުޅުންތެރިންގެ އިތުރުން އައިލާ މެމްބަރުންނާއި ހެޔޮއެދޭ ފަރާތްތަކާ ވެސް މަޝްވާރަކޮށް އެ ފަރާތްތަކުގެ އެއްބާރުލުމާއެކު ކަމަށެވެ.

ތޯރިގު ވިދާޅުވީ، ރާއްޖެއަކީ ކުރިން މި ސަރަހައްދުގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށާއި އެ ޝަރަފު އަލުން އަބުރާ ހޯދުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އަދި އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރުތަކާ ކުރިމަތިލާނެ ވާދަވެރި ޓީމަކަށް ރާއްޖެ އަށް ވެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ތޯރިގު އެކަނި ކުރިމަތިލިއިރު، އެފްއޭއެމް ނޯމަލައިޒޭޝަން ކޮމެޓީގެ ކުރީގެ ޗެއާމަން އަދި އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު ޝަވީދު ވަނީ އެފްއޭއެމްގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޝަވީދު ކުރިމަތިލާފައި ނުވަނީ ކީއްވެ ކަމެއް ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ދެހާސް ސާދަ ވަނަ އަހަރު ބާއްވަން އުޅުނު އެފްއޭއެމްގެ އިންތިޚާބު ނުބޭއްވި ދިގުލައިގެން ދިޔުމުގެ ސަބަބުން އެފްއޭއެމްގެ އޭރުގެ ރައީސް އިލްހާމް އަހުމަދު އެ މަގާމުން ދުރުކޮށް ފީފާއިން އެ އިދާރާ ހިންގުމަށް ނޯމަލައިޒޭޝަން ކޮމެޓީއަކާ ހަވާލުކޮށް އެ ކޮމެޓީން އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައި ފީފާއިން ހުށަހެޅި އިސްލާހުތަކާ އެކު އަސާސީ ގަވާއިދު އިސްލާހުކޮށް މި މަހުގެ 31 ވަނަ ދުވަހު އިންތިޚާބު ބާއްވަން ވަނީ ނިންމާފަ އެވެ.