18 May 2016, 09:05
އެއީ ބުޅަލާއި މީދަލުގެ ހާއްޔެކެވެ. ފައިދަށުން މީދާ ދުވެ އެވެ. މޭޒުތައް ދަށުން ބުޅާ ދުވެ އެވެ. އެތަނުގެ އެތައް މިތަނުގައި އެތަކެތީގެ ނަޖިހެވެ. އެތަކެތީގެ ނަޖިހުން ވެސް އެތަނުގައި ވަނީ ނުބައިވަސް ހިއްޕާލާފަ އެވެ. މި ދައްކަނީ ފަޅުތަނެއްގެ ވާހަކެއް ނޫނެވެ. މިދައްކަނީ އެތައް ހާސް ބަޔަކު ކެއުމަށް ބޭނުން ކުރާ ވަޅޯމަސް ވިއްކުމަށް ވެރިރަށް މާލޭގައި ހަދާފައިވާ މާރުކޭޓުގެ ހާލަތުގެ ވާހަކަ އެވެ.
ވަޅޯމަސް މާރުކޭޓުގައި ހިކިމަސް ވިއްކުމުގެ ވިޔަފާރީގައި ވޭތުވެދިޔަ 10 އަހަރުން ފެށިގެން މަސައްކަތް ކުރަމުންދާ ވިޔަފާރިވެރިއެއް ކަމަށްވާ ގދ. ތިނަދޫ، އަބްދުﷲ ޔޫސުފް ބުނި ގޮތުގައި އެ މާރުކޭޓުގައި ބުޅަލާއި މީދަލުގެ އުނގަދޫ ވަރަށް ބޮޑެވެ. މަސް ވިއްކަން ބަހައްޓާފައިި ހުންނަ މޭޒުތައް ފަދަ ތަންތަނަށް ބުޅަލާއި މީދާ ނަޖިސް ބޭރުކޮށް ހަދާ ކަމަށް އޭނާ ބުންޏެވެ.

މަސް ވިއްކާ އަބްދުﷲ ޔޫސުފް ސަން އަށް މައުލޫމާތު ދެނީ-- ސަންފޮޓޯ: މުހައްމަދު އަފްރާހް
"ދަމުން މިދަނީ މަސްތަކުގެ މަތީގައި ގޯނި އަޅާފައި، އަންނައިރު ހުރޭ ގޯނިތަކުގެ މަތީ ނަޖިސް، އަދި ބައެއް ފަހަރު ހުރޭ މަސް ބުރި ކައިފަ ވެސް،" އަބްދުﷲ ބުންޏެވެ.
އޭނާގެ ކަންބޮޑުވުމަކީ އެތަނުގައި މަސް ރައްކާތެރިކަމާއެކު ބެހެއްޓޭނެ ގޮތެއްނެތުމެވެ. ހަމައެއާއެކު ބުޅަލާއި މީދަލުގެ އުނދަގުލުން ސަލާމަތްވެވޭނެ ގޮތެއް ނެތުމަކީވެސް ބޮޑު ކަންބޮޑުވުމެކެވެ.
ނުރައްކާތެރި ބަލިތައް ފަތުރާ މީދަލާއި ބުޅާ އެ މާކެޓުގައި އިތުރުވުމުގެ މައްސަލައަކީ ދުވަސްވީ މައްސަލައެކެވެ. މިދިޔަ އަހަރު ތެރޭގައި ވެސް އެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ވިއްކަން ބަހައްޓާފައިވާ ހިކިމަސްތަކުގެ މަތިން ބުޅަލާއި މީދާ ދުވާ ވާހަކައަކީ ހަގީގަތެކެވެ.
ވެރިރަށް މާލެއަށް ވަޅޯމަސް ވިއްކާ މާރުކޭޓުގެ ހާލަތު މިއީ ހުރި ހިސާބެވެ. އެތައް ގޭބިސީތައަކާއި ކެއިންބުއިމުގެ ހިދުމަތްދޭ އެތައް ތަނަކަށް އެތަނުން ދަނީ މަސް ވިއްކަމުންނެވެ. އެ މަސް އެތައް ބަޔަކު އެދަނީ ކަމުންނެވެ. މިއީ ސިއްހީގޮތުން އޮތް ބޮޑުބިރުވެރިކަމެކެވެ.

ވަޅޯ މަސް މާރުކޭޓުގައި ބުޅާ-- ސަން ފޮޓޯ
ސިއްހީ ބިރުވެރިކަމެއް!
ބުޅަލުގެ ނަޖިހުގައި އެކުލެވޭ ޖަރާސީމުތަކުގެ ސަބަބުން ތަފާތު ބަލިތައް ފެތުރެއެވެ. އެގޮތުން ޖެހޭ ބަލިތަކުގެ ތެރެއިން އިންސާނުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކެއް މެދުވެރިކުރުވާ ބަލިތައް ހިމެނެއެވެ. އެއީ ރޭބީޒް އަދި ޓޮކްސޯޕްލާޒްމޯސިސް އެވެ. ހަމައެއާއެކު ބުޅަލުގެ ނަޖިހަކީ ވަރަށް ގިނަ ގައިންގަޔަށް އަރާ ބަލިތަކުގެ މަސްދަރެކެވެ.
ބުޅަލުގެ ނަޖިހާއި ތަޣައްޔަރުވެފައިވާ ފެންބުއިން، ނުވަތަ ކާބޯތަކެތި ބޭނުން ކުރުމުން ޖެހޭބަލިތަކުގެ ސަބަބުން ހުންއައުމާއި ކެއްސުމުގެ އިތުރުން ގައިންބިހިނެގުން ފަދަ ކަންތައްތައް ހިމެނެއެވެ. ހަމައެއާއެކު ނިއުމޯނިޔާ ޖެހުމާއި ފުރަމޭ ބޮޑުވެ ދުޅަވުން ފަދަ ނުރައްކާތައް ދިމާވުމާއި ބޭރަށް ހިންގުމަކީވެސް ބުޅަލުގެ ސަބަބުން ޖެހިދާނެ ބަލިތަކެވެ.
ބުޅަލުގެ އިތުރުން މީދަލުގެ ސަބަބުން ވެސް އެތައް ނުރައްކާތެރި ބައްޔެއް އިންސާނުންނަށްޖެހެ އެވެ. އެގޮތުން މީދަލުގެ ބޮޑުކަމުދާ ނުވަތަ ކުޑަކަމުދާ ނަޖިހާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުން ކުރުމުން ތަފާތު ބަލިތައްޖެހެ އެވެ.

ވަޅޯމަސް މާރުކޭޓުގައި ބަޔަކު ވިޔަފާރިކުރަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ބުޅަލާއި މީދަލުން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް އެތަކެތީގެ އަސަރުކޮށްފައިވާ ތަންތަން ނުވަތަ ތަކެތި ވަރަށް ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެ އެވެ.
އެތަނުގެ ހާލަތު ވަރަށް ދަށް!
ހަމައެކަނި ބުޅަލާއި މީދަލުގެ އުނދަގޫ އެކަންޏެއް ނޫނެވެ. މާރުކޭޓުގެ ވެންޓިލޭޝަންގެ ހާލަތު ވެސް އެހާދަށެވެ. ވައިޖައްސަން ހަރުކޮށްފައި ހުރި ފަންކާތައް ވަނީ ހިރަފުހުން ފުރިފަ އެވެ. ފުރާޅުވަނީ ފޫގޮސްފަ އެވެ. އެ މާރުކޭޓުގައި ރަސްކަން ކުރަނީ ބިދޭސީންނެވެ. އެމީހުންނަކީ ސާފުތާހިރުކަމަށް، ކީއްކުރަން ފައިސާ ފިޔަވާ އެހެން ކަމަކަށް ވިސްނާބައެއް ނޫނެވެ.
މާލެއަށް ވިއްކަން ގެންނަ ހިކިމަސް ގެނައުމުގެ ތެރޭގައިވެސް ސާފުތާހިރު ނޫންއެތައްކަމެއް ކުރާކަން ސޯޝަލް މީޑިއާމެދުވެރިކޮށްވެސް ވަނީ އާންމުވެފައެވެ. އެގޮތުން ވިއްކަން ގެންނަ ހިކިމަސްތަކުގެ މަތީގައި މީހުން ހިނގާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ.
ކަމާބެހޭ ފަރާތްތައް ކޮބާ!
މީގެކުރިން މާލޭ ސިޓީ ކައުންސިލުން ބެލެހެއްޓި މާރުކޭޓުތައް މިހާރުވަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ. އަދި އެ މާރުކޭޓުތަކުގެ ސިއްހީކަންކަން ބެލެހެއްޓުމުގެ ޒިންމާ ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ހަވާލުކޮށްފައެވެ. ސުވާލަކީ މިހާ ހިސާބަށް ކަންކަން ދިޔައިރު ކަމާބެހޭ ފަރާތްތައް ކޮބައިތޯއެވެ؟
އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވި ގޮތުގައި ވަޅޯމަސް މާރުކޭޓުގެ ސާފުތާހިރުކަން ދައްވުމުގެ މައްސަލަތައް ވަނީ އެ އިދާރާއަށް ހުށައެޅިފައެވެ.
އެމާރުކޭޓުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއަށްފަހު އެތަން ރަނގަޅު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއާއެކު ފެށިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އެތައް ބަޔަކު ކެއުމަށް ބޭނުންކުރާ މަސްވިއްކަން ހުރީ މިބުނާ ހާލަތުގަ އެވެ. މިއީ ޒަމާންވީ މައްސަލައަކަށްވާއިރު ހިތާމައަކީ ހައްލެއް ނުލިބުމެވެ. ނަމަވެސް އެނގޭ ހެއްޔެވެ. މިއީ ބަލިމަޑުކަމަކަށް ވެއްޓިދާނެ ސަބަބުތަކެކެވެ. އަވަހަށް ހައްލެއް ގެންނާށެވެ.