ތިލަފުށި ކައިރިން ދަތުރުކޮށްފައި ދިޔަ ދޯންޏެއް ފަސް މީހުންނާއެކު ބަންޑުން ޖަހާލައިފި އެވެ.

ބަންޑުން ޖަހާލިއިރު އެ ދޯނީގައި ތިބީ ދެ ދިވެހިންނާއި ތިން ބިދޭސީންނެވެ. އެ ފަސް މީހުން ވެސް ވަނީ ސަލާމަތްވެފަ އެވެ.

މިއަދު އިރުއޮއްސި ހައެއް ޖެހި ފަހުން ހިނގި އެ ހާދިސާގައި ދޯނީގެ ކެޕްޓަންގެ ބޯ ފަޅައިގެންގޮސްފައިވެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދޯނި ބަންޑުން ޖަހާލުމުން އެ ދޯނީގައި ތިބި ފަސް މީހުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީގައި ސަލާމަތްކޮށް ބޯފަޅައިގެންދިޔަ މީހާއަށް ފަރުވާދީފައިވާ ކަމަށެވެ.

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް އަންގާފައިވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރެ އެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޫސުން ގޯސްވެ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާތައް ހިނގަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.