17 May 2016, 20:50
ގަދަ ވަޔާއެކު ކަނޑުގަދަވުމުން މާލޭ ހުޅަނގު ފަރާތަށް އުދަ އަރައި، ރަސްފަންނަށް ގެއްލުންތަކެއްވެއްޖެ އެވެ.
ރަސްފަންނަށް އުދަ އަރާފައި ވަނީ މިއަދު އިރުއޮއްސި 6:30 ހާއިރު އެވެ. ރަސްފަންނަަށް އުދަ އެރުމުގެ ސަބަބުން، އެ ސަރަހައްދުގައި ފެންބޮޑުވި އެވެ. ނަމަވެސް މިހާރު ފެން ވަނީ ހިނދިފަ އެވެ. ރަސްފަންނުގެ ބާބަކިއު އޭރިއާއަށް އުދަ އެރުމުން، އެތަނަށް އަލި ކުރުމަށް ޖަހާފައިވާ ލައިޓެއް ވަނީ ވެއްޓިފަ އެވެ.
ފިޝިން ޕްލެޓްފޯމް ދަށުގައި ހަދާފައި ހުރި ސްޓޯރޭޖް ރޫމްގައި ވަނީ ފެންބޮޑުވެފަ އެވެ.
ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގައި ދިޔަ ބޮޑުވުމުން، އެ ސަރަހައްދުގައި ހުރި ހަޓުތަކަށް ވަނީ ގެއްލުންވެފަ އެވެ. އެގޮތުން އެ ސަރަހައްދުގެ ފަސްގަނޑު މޫދަށް ދަމައިގެންފައިވެ އެވެ.

ރަސްފަންނަށް އުދަ އެރި ވަގުތު އެ ސަރަހައްދުގައި ހުރި ޒުވާނަކު "ސަން"އަށް ބުނީ، އެންމެ ވައި ގަދަވި ވަގުތު ރަސްފަންނަށް އުދަ އަރައި ބޮޑު ބައެއްގައި ފެންބޮޑުވި ކަމަށެވެ.
"މީހަކު ގަނބައިގަތް. ގާތްގަނޑަކަށް ކަކުލާ ހަމައަށް އަޑިއަށް ދިޔަ. އެކަމަކު ދެމީހެއްގެ އެހީގައި އޭނާ ތެދުވެ ސަލާމަތްވި. އޭނާއަށް އެއްވެސް ގެއްލުމެއް ނުވޭ،" އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.
