ގަދަ ވަޔާއެކު ކަނޑު ގަދަވުމުން މެދުކަނޑާލި ވިލިގިއްޔާއި ހުޅުމާލެއާއި ދަތުރުކުރާ ފެރީ ދަތުރުތައް އަލުން ފަށައިފިއެވެ.

އެ ދެ އަވަށަށް އެމްޓީސީސީއިން ދެމުންދާ ފެރީގެ ހިދުމަތް މެދުކަނޑާލާފައި ވަނީ މިއަދު 5:30 ކަންހާއިރު އެވެ. އަނބުރާ ދަތުރުތައް ފަށާފައި ވަނީ މިރޭ 8:00 ޖެހިއިރެވެ.

މާލެ ސަރަހައްދަށް ވައި ޖެހުމުން ދަނީ ހުޅަނގު ދެކުނުން ކަމަށްވާތީ މާލެއިން ވިލިގިއްޔަށް ދަތުރު ކުރަން ޖެހެނީ ވަޔާ އިދިކޮޅަށެވެ. ގިނަ އަދަދެއްގެ ފަސިންޖަރުން ބަރުކޮށްގެން ވަޔާ ދެކޮޅަށް، ކަނޑުގަދަވެފައި ވަނިކޮށް ދަތުރު ކުރުމަކީ ނުރައްކާތެރިކަމެކެވެ.

އެ ދެ އަވަށަށް ފެރީގެ ދަތުރުތައް އަލުން ފަށާފައިވާއިރު މެދުރާއްޖެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.