ފުލުހުންގެ ޚިދުމަތް މިހާރަށް ވުރެ ފުޅާ ކުރުމަށް ގިނަ ރަށްރަށުގައި ޕޮލިސް ޕޯސްޓް ބަހައްޓަން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ނިންމަވައިފި އެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޕޮލިސް ޕޯސްޓް ބަހައްޓަން ސީޕީ އަރީފު ނިންމެވީ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުން އެކަމަށް އެދެމުންދާތީ ކަމަށް ފުލުހުން ބުންޏެވެ. އެ މަސައްކަތް ފަށާފައި ވަނީ ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މަޝްވަރާއާއެކު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ ޙުސައިން އާދަމް ފުލުހުންގެ ވެބްސައިޓުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ އިތުރު 20 ރަށެއްގައި ފުލުހުންގެ ޚިދުމަތް ތަޢާރަފް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަންނަ މަހުގެ އެ ރަށްތަކުގައި ފުލުހުން ގާއިމްވާނެ ކަމަށެވެ.

އެ ރަށްތަކުގައި ތިބޭނެ ފުލުހުން ނަގާފައިވާ ކަމަށާއި އެ ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް އަންނަ ހަފްތާގައި ދޭން ފަށާނެ ކަމަށް ހުސައިން އާދަމް ވިދާޅުވި އެވެ.

"...ފުލުހުންގެ ޚިދުމަތް ދާޢިމީ ގޮތެއްގައި ފަށައި ރައްޔިތުންނާ ގާތުން ފުލުހުން ރައްޔިތުންނާއެކު ގުޅިގެން މަސައްކަތްކޮށް އިޖުތިމާޢީ ޙާލަތު ދަމަހައްޓައި ކުށުގެ ނުރައްކާ ކުޑަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރައްޔިތުންނާއި ކައުންސިލާއެކު ގުޅިގެން ކުރަމުން ގެންދާނެއެވެ،" ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.

ޕޮލިސް ޕޯސްޓްތަކުގައި މަސައްކަތް ކުރާނެ ފުލުހުން ނަގަނީ ފުލުހުންގެ ތެރޭގައި އިއުލާނުކޮށް، އެކަމަށް ޝައުގުވެރިވާ ފަރާތްތައް ކަނޑައަޅައިގެންނެވެ.

ރާއްޖޭގެ 79 ރަށެއްގައި ފުލުހުން ވަނީ ގާއިމުވެފަ އެވެ.

"ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަކީ ފުލުހުންނަކީ ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެޖެހޭ ބަޔަކަށްވެފައި ކުށުގެ ނުރައްކާ ކުޑަކޮށް ޖިނާޢީ މައްސަލަތައް ތަޙުޤީޤު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނައުމަށް ކުރެވޭ މަސައްކަތެކެވެ. ހަމައެހެންމެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމްކޮށް ރައްޔިތުންނަށާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކަންމަތީ ދެމެހެއްޓުމަށް ކުރެވޭ މަސައްކަތް އިތުރު ކުރުމުގެ ގޮތުންނެވެ،" ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.