އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަހަތުން އަރައި، ކްލަބު ވެލެންސިއާ އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާއިން ލަނޑެއް ޖަހާފައި ވަނިކޮށް، މާޒިޔާ ކުރި ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި އޮތް މާޒިޔާއަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނާގައި އޮތް ވެލެންސިއާއަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިން ވަނާގައި ކުޅުނު ދެ މެޗުން އީގަލްސްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ޓީސީ އާއި، ޔުނައިޓެޑް ވިކްޓަރީ އަދި ނިއު ރޭޑިއަންޓަށް ކުޅުނު ދެ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ލީގުގައި ކުޅުނު ދެ މެޗުން ބީޖީ ސްޕޯޓްސް އާއި ވިކްޓަރީއަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މިއަދު ކުޅުނު މެޗުގެ ކުރީކޮޅު މާޒިޔާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެގޮތުން ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި އަސްހަދު އަލީ (އަޑުބަރޭ) އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. އެ ދެ ކުޅުންތެރިން އުފެއްދި ހަމަލާތައް ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

މެއި 17، 2016: އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިޔާއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޗުގެ 22 ވަނަ މިނެޓުގައި ވެލެންސިއާއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ވެލެންސިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ހާންސްލޭ އޭވީ އަވީލޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 38 ވަނަ މިނެޓުގައި މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށް ދިނީ އަސްހަދު އަލީ (އަޑުބަރޭ) އެވެ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ހަމަލާ އަމަޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މާޒިޔާއިން މެޗުގެ ލީޑު ހޯދީ 71 ވަނަ މިނެޓުގަ އެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މައިކަލް ނިކޮއިސޭ ޖޯސެފް އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނިގެންދިޔަ ޖޯސެފް، އެ ލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ. އެ މެޗަކީ މާޒިޔާއަށް އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މެޗު ނިމެން ދިހަ މިނެޓަށްވެފައި ވަނިކޮށް، މާޒިޔާއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޖޯސެފް ނަގައިދިން ހުރަހަކުން އަސަދުﷲ ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު އީގަލްސް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. އެ މެޗު ފަށާނީ މިރޭ 9:00 ގައެވެ.