ބަދުރުހަނގުރާމައިގައި މައްކާގެ ލަޝްކަރު ކަފާސްވެ ޤުރައިޝުން ކުޑަކަކޫމައްޗަށް ތިރިވުމުންأبو سفيانވަރަށް ހިތްޕުޅު ދަތިވިއެވެ. ވިޔަފާރި ޤާފިލާގެ ވެރިކަމުގައި ރަށުންބޭރުގައި އުޅުއްވުމުގެ ސަބަބުން އޭނާއަށް އެހަނގުރާމަޔަކު ބައިވެރިވެވަޑައެއް ނުގެންނެވެއެވެ. އެހެންކަމުން މައްކާގެ ހާވިޔާވެފައިވާ ލަޝްކަރު އެނބުރިއައިސް ހަނގުރާމައިގެ ނާކާމިޔާބީގެ ޚަބަރު ސާފުވުމާއެކު،أبو سفيانހިތްވަރުފުޅު އިތުރަށް ގަދަކުރެއްވިއެވެ. މުސްލިމުންނާ ހަނގުރާމަކުރައްވައިފައިމެނުވީ ޖުނުބު ހިނެއިމަކުން ހިނައިވަޑައިނުގެންނެވުމަށް ހުވާކުރެއްވިއެވެ.أبو سفيانބޭނުންފުޅުވީ އޭނާގެ ޤައުމުގެ އަބުރާއި ކަރާމަތް ރައްކާތެރިކުރެއްވުމަށެވެ. މައްކާގައި އަދިވެސް ބާރު އެބަހުރިކަން ޢަރަބީން ޔަޤީންކޮށްދެއްވޭފަދަ ފިޔަވަޅެއް އެޅުއްވުމަށެވެ. މާބުރަބޮޑުނޫން، އެކަމަކު ނަތީޖާ ރަނގަޅު ފިޔަވަޅެއް އެޅުއްވުމަށެވެ.أبو سفيانއެމަޤްޞަދުގައި ދުއިސައްތަ ސަވާރުން ގޮވައިގެން މަދީނާގެ ސަރަޙައްދަށް ވެދެވަޑައިގެންނެވިއެވެ. ސިފައިން ދުރުގައި ބައިތިއްބަވައިފައި ރޭގަނޑު ސިއްރުން މަދީނާއަށް އަރައިވަޑައިގެން މުނާފިޤުންނާއި ޔަހޫދީންގެ ވެރީންނާ މަޝްވަރާކުރެއްވިއެވެ. ނަމަވެސް އެއިންފަރާތަކުން އެވަގުތު ޢަމަލީ އެހީތެރިކަމެއް ލިބިވަޑައެއްނުގެންނެވިއެވެ. އެހެންކަމުން މަދީނާގެ ސަރަޙައްދުން ކަދުރުރުއްކޮޅެއް އަންދާލައްވައި ބައެއް ރުއްތައް ކަނޑުއްވައިފައި އެނބުރި މައްކާއަށް ވަޑައިގަތީއެވެ. ހުވާ ތެދުކުރެއްވިއްޖެކަމަށް ވިދާޅުވެފައެވެ. ދެމީހަކު ޤަތުލުވެސް ކުރެއްވިއެވެ.أبو سفيانގެ މި ޙަމަލަ އިސްލާމީ ތާރީޚުގައި ފާހަގަކުރެވިފައިވަނީ ޣަޒްވާ ސަވީޤުގެ ނަމުންނެވެ.

أبو سفيانމައްކާއަށް އެނބުރިވަޑައިގެންނެވުމަށްފަހު އަވަސްވެވަޑައިގަތީ އޭނާގެ ވިޔަފާރި ޤާފިލާގެ ނަފާއިން ޚަރަދުކުރައްވައިގެން ވަރުގަދަ ލަޝްކަރެއް ތައްޔާރުކުރެއްވުމަށެވެ. މަދީނާއަށް ނިކަން ވަރުގަދަ ޙަމަލައެއް ދެއްވުމަށެވެ. އޭނާ ލަޝްކަރު އެއްކުރައްވައިގެން އޭނާގެ ވެރިކަމުގެ ދަށުގައި މަދީނާއަށް ޙަމަލަދެއްވިއެވެ. އެހަނގާރަމައަކީ މަޝްހޫރު އުޙުދު ހަނގުރާމައެވެ. އެހަނގުރާމައިގެ ކުރީ މަރްޙަލާގައި ނަޞްރު ލިބެމުންދިޔައީ މުސްލިމުންނަށެވެ. މައްކާގެ ލަޝްކަރު ބަލިވެގެން ފިލަންވެސް ދުވިއެވެ. ނަމަވެސް ހަނގުރާމައިގެ ދެވަނަ މަރްޙަލާގައި މުސްލިމުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މުސްލިމުންގެ ތީރުވެރީން އެއުރެންގެ ޙިކުމަތްތެރި ކޮމާންޑަރުގެ އަމުރުފުޅާ ޚިލާފުވުމާއި،خالد بن الوليدގެ ޢަސްކަރީ ތޫނު ވިސްނުންފުޅުގެ ސަބަބުންނެވެ. ޞަޙާބީންގެ ހަތްދިހަބޭކަލުން ޝަހީދުވިއެވެ. އޭގެތެރޭގައި ކައުސާހިބާصلّى اللّـه عليه وسلّمގެ ބޮޑުބޭބޭފުޅުحمزة بن عبدالمطّلب رضى اللّـه عنــهއާއި، ދެބޭންގެދެދަރި ކޮއްކޯފުޅުعبد اللّـه بن جحش رضى اللّـه عنــهއާއި، މުސްލިމުންގެ އެންމެފުރަތަމަ ސަފީރުمصعب بن عمير رضى اللّـه عنــهފަދަ ބޭކަލުން ހިމެނިވަޑައިގެންނެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ބައެއް ދަތްޕުޅުތައް ޝަހީދުވެ، މޫނުފުޅާއި ކަކޫފުޅު ފާރުވެ، ލޭއޮހޮރުނެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ބުއްދިތައް ޙައިރާންކޮށްލާފަދަ މޮޅު ޢަސްކަރީ ލީޑަރޝިޕް މުސްލިމުންނާ އެކުގައި ނުވާނަމަ، މުސްލިމުންނަށް ފޫނުބެއްދޭފަދަ ގެއްލުންތަކެއް ލިބުމުގެ އެކަށޭނަކަން އޮތެވެ.

މިހަނގުރާމައިގައި މުސްލިމުންނަށް ނުހަނު ނާޒުކު ޙާލަތެއް ކުރިމަތިވިކަމުގައިވިޔަސް، މުސްލިމުންގެ ކޮމާންޑަރ އިން ޗީފް އިސްލާމީ ލަޝްކަރާއިގެން މައިދާނުގައި ސާބިތުވެވަޑައިގެން ހުންނެވިއެވެ. އެކަލޭގެފާނުވަނީ އިސްލާމީ ލަޝްކަރު އަލުން ސަމާލުކުރައްވައިފައެވެ.أبو سفيانއަކަށް މުސްލިމް ސިފައިންގެ އެކަކުވެސް ހައްޔަރެއް ނުކުރެއްވެއެވެ. އެއްވެސް އެއްޗެއް ޣަނީމާއެއް ނުކުރެއްވެއެވެ. ހަނގުރާމަތަކުގައި ނަޞްރުލިބޭ ފަރާތްތަކަށްވެސް ކުރީންދެންނެވިފަދަ ޖާނީގެއްލުންތައް ލިބުމަކީ ތާރީޚުން ސާބިތުވާ ޙަޤީޤަތެކެވެ. އެހެންކަމުން، ޢަސްކަރީ މާހިރުން އުޙުދު ހަނގުރާމަ ހިމަނުއްވަނީ އެއްވެސްބަޔަކަށް ފަތަޙަނުލިބޭ ހަނގުރާމަތަކުގެ ލިސްޓުގައެވެ.

ޚައިބަރުގެ ޔަހޫދީންގެ އިސްނެގުމާއެކު،أبو سفيانއިތުރު ޖޯޝާއި ފޯރިޔާއެކު އަނެއްކާވެސް ހަނގުރާމަޔަށް ތައްޔާރުވެވަޑައިގެންނެވިއެވެ. މިފަހަރު އޭނާ އެއްކުރެއްވި ލަޝްކަރުގައި މައްކާގެ މީހުން ފިޔަވައިكنانةވަންހައާއި،غطفانވަންހައާއި،فزارةވަންހައާއި،مرّةވަންހައާއި،أشجعވަންހައާއި،أسدވަންހައާއި،سُلَيمވަންހައާއި، އަޙާބީޝުންގެ ސިފައިންވެސް ހިމެނުނެވެ. ޚައިބަރުގެ ޔަހޫދީންވެސް ބައިވެރިވިއެވެ. އެފަހަރުأبو سفيانގެންނެވި ލަޝްކަރުގައި ދިހަހާސް ސިފައިން ތިއްބެވެ. އެޢަދަދަކީ އެދުވަސްވަރުގެ މަދީނާގެ މުޅިއާބާދީއަށްވުރެވެސް ބޮޑު ޢަދަދެކެވެ.

މަދީނާގައިތިބިقريظةވަންހައިގެ ޔަހޫދީންވެސް ޣަދަރުވެރިވެأبو سفيانއާ ބައިވެރިވިއެވެ. އިސްލާމީ ތާރީޚުގައި އެހަނގުރާމަ ފާހަގަކޮށްފައިވަނީ އަޙްޒާބު ހަނގުރާމަ ނުވަތަ ޚަންދަޤު ހަނގުރާމައިގެ ނަމުންނެވެ.

أبوسفيانއެފަހަރު ލަޝްކަރާއިގެން ވަޑައިގެންނެވީ މަދީނާ ސުންނާފަތިކޮށްލެއްވޭނެކަމުގެ ޔަގީންކަމާއެކުގައެވެ. ނަމަވެސް އޭނާ ލަޝްކަރާއިގެން ވަޑައިގެންނެވިއިރު، ކައުސާހިބާصلّى اللّـه عليه وسلّمވަނީ،أبوسفيانގެ ހިތްޕުޅަށްވެސް ނުގެންނެވޭފަދަ ދިފާޢީ ތަދުބީރަކުން މަދީނާ ޙިމާޔަތް ކުރައްވައިފައެވެ. މަދީނާއަށް ޙަމަލަދެވެންއޮތް ދިމާގައި ޚަންދަޤެއް ކޮންނަވައި، ކޮންނެވިފަސްތައް ޚަންދަޤުގެ ބޭރަށް ނަންގަވައިފައެވެ. އެތަން ފެނިވަޑައިގެންފައިأبو سفيانއަންތަރީސްވެވަޑައިގެންނެވިއެވެ. އޭނާގެ ވިސްނުންފުޅު ސުމަކަށްދިޔައެވެ. އޭނާ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمއަށް ސިޓީފުޅެއް ލިޔުއްވިއެވެ. އެސިޓީފުޅުގައިވެއެވެ.

"أبو سفيانގެ ފަރާތުންمحمّد بن عبد اللّـهއަށް،

އަޅުގަނޑުގެ އިލާހުންކަމުގައިވާ ލާތައާއި، މަނާތާއި، ޢުއްޒާއާއި، އިސާފާއި، ނާއިލާއާއި، ހުބަލު ގަންދީ ދަންނަވަމެވެ. އަޅުގަނޑު ގަދަފަދަ ލަޝްކަރެއް ގޮވައިގެން މިއައީ ކަލޭގެފާނު ބަލިކޮށް ނިކަމެތިކޮށްލުމަށެވެ. ކަލޭގެފާނު ފަނާކޮށް ނައްތައިނުލެވެނީހެއް އަޅުގަނޑު މިތަނުން ފައިއުފުރައެއް ނުލާނަމެވެ. ކަލޭގެފާނު އަޅުގަނޑުމެންނާ ހަނގުރާމަ ކުރައްވަން ބިރުފުޅުން އެކަމުން ރެކިވަޑައިގަންނަވަނީއެވެ. މި ޚަންދަޤު ކޮންނެވުމަކީ ކަލޭގެފާނު ހައްދަވައިފައިވާ ޢަރަބީންނަށް ތަޢާރުފުވެފައިނެތް މަކަރެކެވެ. ތިޔަ އީޖާދުކުރެއްވީ ޢަރަބީން ނުދަންނަ އުކުޅެކެވެ. ޢަރަބީން ހަނގުރާމައިގެ މައިދާނަށް ނުކުންނަނީ ފިރިހެނުންގެ ގޮތުގައި، ކަނޑިއާއި ދުނީގެ ހިޔަނީގެ ތެރޭގައެވެ. ޝައްކެއްނެތްގޮތުގައި ކަލޭގެފާނު އަޅުގަނޑުމެންގެ ކަނޑިތައް ދެކެ ބިރުފުޅުން ފިލާވަޑައިގެންނެވޭނެގޮތެއް ހޯއްދެވީއެވެ. އެކަމަކު ހަނދުމަފުޅު ބަހައްޓަވާށެވެ. މިފަހަރުވެސް އަޅުގަނޑު ކަލޭގެފާނާމެދު ކަންތައްކުރާނީ އުޙުދު ހަނގުރާމައިގެ ދުވަހުވެސް ކަންތައްކުރި ފަދައިންނެވެ."

ކައުސާހިބާصلّى اللّـه عليه وسلّم، أبو سفيانގެ ސިޓީގެ ޖަވާބުގައި އަންނަނިވި މޭރުމުން ސިޓީފުޅެއް ފޮނުއްވިއެވެ.

`

މާތްاللّـهގެ ރަސޫލާمحمّد بن عبد اللّـهގެ ފަރާތްޕުޅުންأبو سفيانبن حربއަށް

ތިބާގެ ސިޓީ ލިބި، ކަންއޮތްގޮތް އޮޅުންފިލައިފިއެވެ. ތިބާއަކީ އިހުއްސުރެވެސް އިންތިހާދަރަޖައިގެ ކިބުރުވެރި ބޮޑާ ބޭކަލަކީމުއެވެ. ތިބާ ލިޔުއްވައިފައިވަނީ ވަރަށްބޮޑު ލަޝްކަރަކާއިގެން ވަޑައިގެންނެވި ވާހަކައެވެ. އަޅުގަނޑުމެން ހަލާކުކުރައްވައި ނައްތައިނުލެއްވެނީސް މިރަށުން ދުރަށް ވަޑައިނުގަންނަވާނެ ވާހަކައެވެ. ރަނގަޅަށް އަޑުއައްސަވާށެވެ. އަހުރެންގެ ވެރިރަސްކަލާނގެ ތިބާގެ ތިޔައެދުން ފުދުނަނުދެއްވާނެކަމަށް ޔަޤީންކުރައްވަމެވެ. ނިމުން އަންނާނީ އަހުރެމެންނަށް ފަހިވާގޮތަށްކަމުގައިވެސް އުންމީދުކުރައްވަމެވެ. ތިބާ އަޅުކަންކުރައްވާ ބާޠިލް ފަރާތްތައްކަމުގައިވާ ލާތައާއި، މަނާތާއި، ޢުއްޒާއާއި، އިސާފާއި، ނާއިލާއާއި ހުބަލު އަހުރެންގެ އަތުން މުގުރައި ސުންނާފަތިކުރާނެ ދުވަސް، ދާދިއަވަހަށް އެބައާދެއެވެ."

މާތްاللّـهގެ ރަޙްމަތްފުޅާއި އެކަލާނގެ ހެޔޮތައުފީޤުން އަޙްޒާބު ހަނގުރާމަ ނިމުނީ ވަރަށް ނިކަމެތި ގޮތެއްގައިأبو سفيانގެ ލަޝްކަރު ބަލިވެގެންނެވެ. ފިނިގަދަ ރެއެއްގައި އަރަހުށި މާތްاللّـهފޮނުއްވި ގަދަފަދަ ވަޔާއެކުأبو سفيانގެ ލަޝްކަރުގެ ފޭލިގެތައް ކަފަކޮޅުތަކެއްގެ ބީދައިން އުދުހިގެން ހިނގައްޖެއެވެ. އެލަޝްކަރުގެ އަސްތަކާއި ޖަމަލުތަކާއި އެނޫންވެސް ސޫފިތައް މޫނުހުރި ދިމާޔަކަށް ދުވެފިލައިފިއެވެ. ކައްކައިފައިހުރި ކާއެއްޗެހީގެ ތެލިތަކާއި ރިކާބީތައް ބަންޑުންވެއްޖެއެވެ.أبو سفيانވެސް ބިރުފުޅުން ފިލައިވަޑައިގަތީއެވެ.

(ނުނިމޭ)