ގަދަ ވަޔާއެކު ކަނޑު ގަދަވުމުން ވިލިގިއްޔާއި ހުޅުމާލެއިން މާލެއަށް ކުރަމުން އަންނަ ފެރީ ދަތުރުތައް މެދުކަނޑާލައިފި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ވައި ބާރުގެ ކަނޑު ގަދަވުމުން ދަތުރު ކުރުން ރައްކާތެރިކަމަށް ނުފެންނާތީ ފެރީ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. ހުޅުމާލެއާ މާލެ އާއި ދެމެދު ފެރީ ދަތުރުތައް މެދުކަނޑާލާފައި ވަނީ މިއަދު ހަވީރު 5:30 ގަ އެވެ.

"ކަނޑު ވަރަށް ގަދަ. ވައިވެސް ވަރަށް ބާރު. އެހެންވީމަ ދަތުރު ކުރުން އެންމެ ރައްކާތެރިކަމަށް ނުފެންނާތީ، ފަސިންޖަރުންގެ ރައްކާތެރި ކަމަށްބަލައި އަޅުގަނޑުމެން ދަތުރުތައް މެދުކަނޑާލާފައި މި ވަނީ،" އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މޫސުން ރަނގަޅުވެ ދަތުރު ކުރެވޭވަރުވުމުން އަލުން ދަތުރުތައް ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލެ ފެރީ ދަތުރުތައް ކެންސަލްކޮށްލާފައިވާއިރު، މާލެއިން ވިލިމާލެއަށް ފެރީގައި ކުރާ ދަތުރުތައް މެދުކަނޑާލާފައި ވަނީ މިއަދު ހަވީރު 5:45 އެހާކަންހާއިރު އެވެ.

އެމްޓީސީސީން ބުނީ ވިލިމާލެ އާއި މާލެއާ ދެމެދު ދަތުރުކުރުން ރައްކާތެރި ނޫން ކަމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ޖާގަ ދެމުންދާނެ ކަމަށެވެ.

މާލެ ސަރަހައްދަށް ވައި ޖެހުމުން ދަނީ ހުޅަނގު ދެކުނުން ކަމަށްވާތީ މާލެއިން ވިލިގިއްޔަށް ދަތުރު ކުރަން ޖެހެނީ ވަޔާ އިދިކޮޅަށެވެ. ގިނަ އަދަދެއްގެ ފަސިންޖަރުން ބަރުކޮށްގެން ވަޔާ ދެކޮޅަށް، ކަނޑުގަދަވެފައި ވަނިކޮށް ދަތުރު ކުރުމަކީ ނުރައްކާތެރިކަމެކެވެ.

"ދެންމެ މާލެއިން އައި ފެރީގަ ތިބި ފަސިންޖަރުން ވެސް ރޮނީ. އެހެންވީމަ ފެރީތަކުގެ ކައްޕިން ބޭނުމެއް ނުވޭ އެ ރިސްކު ނަގާކަށް،" އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ފެރީ މެދުކަނޑާލުމުގެ ސަބަބުން ފެރީ ޓާމިނަލްތަކުގައި މީހުން ވަނީ ތޮއްޖެހިފަ އެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ ފެރީގެ ހިދުމަތް އަލުން ފަށާނެ ވަގުތަކަަށެވެ.