ގަދަ ވަޔާއެކު ކަނޑުގަދަވުމުން މެދުރާއްޖެ ތެރެއަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމީ ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިއުލާންކުރި ޔެލޯއެލާޓް މިރޭ 9:30 އަށް ދިގުދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް އޮފީސް)އިން ބުންޏެވެ.

މިއަދު ހަވީރު 5:45 ގައި ޔެލޯ އެއާޓް ނެރުމަށްފަހު މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ މެދުތެރެއަށް ގަޑި އަކު 30 މޭލާއި 40 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 55 މޭލުގެ ބާރު މިނުގައި ވައިގަދަވާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މޫސުމާ ބެހޭ އިދާރާގެ ޑައިރެކްޓަރު މީޓުރޮލޮޖީ އަހުމަދު ރަޝީދު "ސަން"އަށް ވިދާޅުވީ، ޔެލޯ އެލާޓްގެ ނެރެފައިވާއިރު ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދަތުރު ނުކުރުން މުހިއްމު ކަމަށެވެ. އަދި ހާއްސަކޮށް މެދުރާއްޖެ ތެރެއަކީ ކަނޑުގަދަ ހިސާބެއް ކަމުން އެކަމަށް ސަމާލުވުމަށް އޭނާ އެދިލެއްވި އެވެ.

ޔެލޯ އެލާޓް ނެރެނީ ދިމާވެދާނެ ކަމަކަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމަށާއި ރައްޔިތުންނަށް ދިމާވެދާނެ ކަމަކުން ސަލާމަތްވުމަށް ކަމާ ބެހޭ އިދާރާތައް ތައްޔާރުވުމަށެވެ. ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ގަދަ ވަޔާއެކު ނަގޫރޯޅިއެއް އަރާފާނެ ހާލަތުގައި ޔެލޯއެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

މެދު ރާއްޖެ ތެރެއަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ރާއްޖޭގެ އެހެން ހިސާބަކަށް މޫސުމާބެހޭ އިދާރާއިން ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ. އެގޮތުން ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

މީގެ އިތުރުން ހުޅަނގާއި ހުޅަނގު އުތުރުން އުތުރުގެ އަތޮޅުތަކަށް އަދި އެހެން ހިސާބުތަކަށްް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.