އެމެރިކާގެ ދަރަނީގެ ތެރެއިން 116.8 ބިލިޔަން ޑޮލަރަކީ، ސައުދީ އަރަބިއްޔާގެ މިލްކުވެރިކަމުގެ ދަށުގައި ހުރި ފައިސާކަން ހާމަވެއްޖެ އެވެ.

މިއީ މީގެ ކުރިން އެނގިފައި ވާ މައުލޫމާތެއް ނޫނެވެ. އެމެރިކާގެ ޓްރެޝަރީން ފުރަތަމަ ފަހަރަށް މި މައުލޫމާތު އާންމުކުރީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ބްލޫމްބާގް ނިއުސްއިން އެމައުލޫމާތަށް އެދުމުންނެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުން ވަނީ، 1970 ގެ އަހަރު ތަކުން ފެށިގެން ސައުދީއާ އެމެރިކާއާ ގުޅުންހުރި މި މާލީ މައުލޫމާތުތައް އާންމުކުރުން ހުއްޓާލައިފަ އެވެ. ތެޔޮ އެކްސްޕޯޓު ކުރާ ވެނެޒުއޭލާ އަދި އިރާގު ފަދަ ގައުމުތަކުގެ މައުލޫމާތުތައް ވެސް ސައުދީ ފަދައިން އެމެރިކާއިން ހިފެހެއްޓި އެވެ.

އެގައުމުގެ ދައުލަތުގެ ޚަޒާނާގެ 100 ބިލިޔަން ޑޮލަރު ސައުދީގެ މިލްކިއްޔާތުގެ ގޮތުގައި އޮތް އިރު، މިއީ އެމެރިކާގެ 13 ވަނައަށް އެންމެ ބޮޑު ދަރަނީގެ މިލްކުވެރިކަމެވެ. ޗައިނާގެ މިލްކުވެރިކަމުގައި އެމެރިކާގެ ދަރަނިން 1.3 ޓްރިލިޔަން ޑޮލަރު ހުރި އިރު، ޖަޕާނުގެ މިލްކިއްޔާތުގައި ވެސް 1.1 ޓްރިލިޔަން ޑޮލަރު އެބަ ހުއްޓެވެ.