ބެންގަލޫރު (މޭ 17): އިންޑިއާގެ ބެންގަލޫރުގައި އަންހެނަކު އޭނާގެ ފޯނު ފާސް ކުރި ފިިރިމީހާއަށް ވަޅިން ހަމަލާ ދީފި އެވެ.

ސުނީތާ ސިންހު އޭނާގެ ފިރިމީހާ، ޗަންދުރަޕްރަކާޝް ސިންހަށް ވަޅިން ހަމަލާ ދިނީ މިމަހުގެ ހަތަރު ވަނަ ދުވަހެވެ. ނަމަވެސް، އެދެމަފިރިން މައްސަލަ ފުލުހުންނަށް ހުށަހެޅީ ދާދި ފަހުންނެވެ.

ސުނީތާ އޭނާގެ ފޯނަށް ދެވި ހިފާފައިވުމުގެ ސަބަބުން ދެމަފިރިންގެ މެދުގައި ގިނަ ގިނައިން މައްސަލަ ޖެހޭ ކަމަށް ޗަންދުރަޕްރަކާޝް ބުންޏެވެ. މިމަހުގެ ހަތަރު ވަނަ ދުވަހުވެސް އެދެ މީހުންގެ މެދުގައި މައްސަލަ ޖެހުނީ ސުނީތާގެ ފޯނުގެ ސަބަބުން ކަމަށް ޗަންދުރަޕްރަކާޝް ބުންޏެވެ. އޭނާ ބުނި ގޮތުގައި އެދުވަހު އޭނާ ގެޔަށް ދިޔަ އިރު ސުނީތާ އިނީ ފޯނާ ކުޅޭށެވެ. އަދި ކާނެ އެއްޗެއް ހުރިތޯ އެހުމުން އޭނާ ވަނީ ކާއެއްޗެއް ތަނަކުން ގެނައުމަށް ބުނެ ފޯނާ ކުޅެމުން ގޮސްފަ އެވެ. ނަަމަވެސް، މައްސަލަ ގޯސްވީ ޗަންދުރަޕްރަކާޝް، ސުނީތާގެ ފޯނު އަތުލުމަށް ފަހު އޭގައިވާ މެސެޖުތައް ކިޔުމުންނެވެ.

އެމެސެޖުތަކުގައި ސުނީތާ އޭނާގެ އެކުވެރިންނާ ބަދުއަހުލާގީ ވާހަކަތައް ދައްކާފައި ހުރުމުން ޗަންދުރަޕްރަކާޝް އޭނާގެ އަނބިމީހާގެ ކަންފަތްމަތީ ޖެހީ އެވެ. އަދި އެކަމާ ރުޅި އައިސްގެން، ބަދިގޭގައި އޮތް ވަޅިއެއް ނަގާ ސުނީތާ އޭނާގެ ފިރިމީހާގެ އަތަށް ވަޅިން ހަމަލާ ދިނީ އެވެ.

އޭގެ ފަހުން ޗަންދުރަޕްރަކާޝް ވަނީ އޭނާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދާފަ އެވެ. ފުލުހުން ބުނި ގޮތުގައި ޗަންދުރަޕްރަކާޝްގެ އިނގިލިތަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފަ އެވެ.

މިހާރު ޗަންދުރަޕްރަކާޝް ވަނީ އޭނާގެ އަނބިމީހާގެ ފަރާތުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ. އަދި ސުނީތާ ވަނީ ޗަންދުޕްރަކާޝް އޭނާއަށް އަނިޔާ ކުރާ ކަމުގެ ޝަކުވާކޮށްފަ އެވެ. ބެންގަލޫރުގެ ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ. (ހިންދޫ)