ސީރިޔާގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށް، އިދާރީ މައްސަލަތަކަކާ ގުޅިގެން އެގައުމުން ބޭރަށް ފުރުމަށް ހުއްދަ ނުލިބިފައި ހުރި ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި މަރުވީ އިބްރާހިމް އަބްދުލްރަހްމާން ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް އޭނާގެ އިތުރު މައުލޫމާތެއް އެނގިފައެއް ނުވެ އެވެ. އަދި އޭނާ ސީރިއާގައި ޖަލަށް ލެވުނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއްވެސް ކަށަވަރު ވެފައެއް ނުވެ އެވެ.

އޭނާ މަރުވީ، ސިއްހީ މައްސަލައެއް ކުރިމަތިވެގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ، އިބްރާހިމް މަރުވި ޚަބަރު އޭނާގެ އާއިލާއާ ހިއްސާ ކޮށްފައިވާ ކަމަށާ، އަދި މައްޔިތާގެ ޖަނާޒާގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން މިހާރު ކުރަމުންދާ ކަމަށެވެ.

އޭނާގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމިފައި އޮތް ނަމަވެސް، އޭނާ އެނބުރި ރާއްޖެ ނާދެވިފައި ހުރީ، އިދާރީ މައްސަލަތަކަކާ ހުރެ، ސީރިއާއިން ބޭރަށް ފުރުމަށް އޭނާއަށް އެގައުމުން ހުއްދަ ނުލިބުމުގެ ސަބަބުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ އޭނާ ޖަލަށް ލުމަށް ހުކުމް ކުރި ދުވަހުން ފެށިގެން، މިނިސްޓްރީން ދިޔައީ އޭނާގެ ހާލު ބަލައި، އޭނާގެ އާއިލާއަށް މައުލޫމާތު ހިއްސާ ކުރަމުން ކަމަށެވެ.