17 May 2016, 15:34
ރާއްޖެ ޓިވީގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އިސްލާހުކުރުމަށްފަހު ހުށަހެޅުމުން އެމައްސަލައިގެ މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފިއެވެ.
ދައުލަތުން ފިޔާޒުގެ މައްޗަށް އުފުލާފައި ވަނީ "ޖެހުމު"ގެ ދައުވާ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު 14:00 އަށް ތާވަލުކުރުމަށް ފަހު ކެންސަލްކުރީ ދައުލަތުން ދައުވާ އިސްލާހުކޮށް އަލުން ހުށަހެޅުމުން ކަމަށް ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވިއެވެ.
މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ފިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފަ އެވެ. އެގޮތުން ދައުވާ ދަރަޖަކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ (ށ) ތިން ވަނަ ނަމްބަރުން ކަން ފާހަގަކޮށް، ޖެހުމުގެ ދައުވާކުރުމަށް ފަހު އެނަމްބަރުގެ ދަށުން ދަރަޖަ ކުރެވޭނެތޯ ގާޒީ އެދުވަހު ވަނީ ސުވާލު ކުރައްވައިފަ އެވެ.
ފިޔާޒުގެ މައްޗަށް އުފުލާފައިވާ "ޖެހުމު"ގެ ދައުވާ ސާބިތުވެއްޖެ ނަމަ ދެވޭ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އަދި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާ އިރު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލުމަށް ގާޒީ އަށް އިހުތިޔާރު ލިބިގެންވެ އެވެ.
ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާ - ޖެހުން
(ހ) މީހެއްގެ ރުހުމަކާ ނުލައި އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ.
އޭނާގެ ގައިގާ އަތްލުން ނުވަތަ އޭނާ އަށް އަނިޔާއެއް ކުރުން
- އޭނާ އަށް އެވަގުތު އަނިޔާއެއް ދީފާނެ ކަމުގެ ބިރުދެއްކުން
މުލީއާގެ ކައިރިން ގޮވާޒާތުގެ އެއްޗެއް ފެނިގެން އެ ނުގޮވާގޮތް ހެދުމަށް ދުވާ ޓުރެކް ސަރަހައްދަށް ގެންދިޔަ ދުވަހު ފުލުހުން ވަނީ އެ ސަރަހައްދުން ފިޔާޒު ހައްޔަރުކޮށް ބަންދުކޮށްފަ އެވެ. ބެލެވޭ ގޮތުން ފިޔާޒުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެމައްސަލައާ ގުޅިގެންނެވެ.
ފިޔާޒުގެ އިތުރުން ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ ވިސާމް އަދި ލީވާން އަދި ވީޑިއޯ ޖާނަލިސްޓް ޒަރީރުގެ މައްޗަށް ވެސް ދައުލަތުން ވަނީ ދައުވާ އުފުލައިފަ އެވެ. އެ ދެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ތުހުމަތާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ދައުވާ އެވެ.