17 May 2016, 15:26
ރާއްޖެއަށް ދިމާވެފައި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރެވޭނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، ވަރުގަދަ ޖިހާދެއް ކޮށްގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.
ޝަފީއު އެފަދައިން ވިދާޅުވީ ސްކޫލް ކުދިން މަސްތުވާތަކެއްޗަށް ހޭލުންތެރިކުރުމަށް، ސްކޫލްތަކުގައި "ޑްރަގް އެޑިއުކޭޝަން" ދިނުމަށް ސްކޫލުތަކުގެ ފަންނީ ބޭފުޅުން ތަމްރީނު ކުރުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ އަދި އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު އަރަބިއްޔާ ސްކޫލުގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގަ އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ކުޑަކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެއްސުމަށް، ރާވައިގެން ބޮޑު ޖަރީމާއެއް ހިންގަމުން އަންނަ ކަމަށާއި، އެކަމާ ދެކޮޅަށް މިހާރު ތެދުވަން ޖެހިފައިވާ ކަމަށެވެ.
""މިއީ ހަމަ ވަރަށް ބޮޑަށް ރޭވިގެން އެކި ގޮތްގޮތަށް އަމާާޒު ކުރެވިގެން ހިންގާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް ވާއިރު އެކަމާ ދެކޮޅަށް ތެދުވެ ހަނގުރާމައެއްގެ ގޮތުގައި އިއުލާނުކޮށް، ޖިހާދެއް ކުރަން ޖެހޭ. އެނޫން ގޮތަކަށް އެކަމަށް ހައްލެއް ނާންނާނެ،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާ ގައުމުން ފޮހެލުމަށް މިހާތަނަށް ކުރެވުނު އަދި ކުރެވެމުން އަންނަ މަސައްކަތްތައް ކާމިޔާބު ނުވެގެން އުޅެނީ ތަފާތު އެކި ސަބަބުތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ކުޑަކުދިން އަދި ޒުވާނުން މަސްތުވާތަކެތި ބޭނުން ކުރާކަން އެނގުނު ނަމަވެސް، އެކަމުގެ ސަބަބުން ލިބިދާނެ ހުތުރު ނަމަކަށް ބަލައި ގިނަ ފަހަރަށް އެކަންކަން އާއިލާ ތެރެއިންވެސް ފޮރުވާ ކަމަށާއި، އެގޮތަށް އަމަލު ކުރާ ނަމަ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގައި ކާމިޔާބެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ މަސްތުވާތަކެތީގެ ތެރެއަށް ކުދިން ވައްދަނީ ވަރަށް ބޮޑަށް ރޭވިގެން ހިންގާ ޖަރީމާއެއްގެ ތެރެއިން ކަމަށް ވާއިރު ކުދިންގެ އުޅުމާއި ގުޅުންތަކަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަމު ސަބަބުތައް ހޯދުމަކީ ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާއެއް ކަމަށެވެ.

ސްކޫލްތަކުގައި "ޑްރަގް އެޑިއުކޭޝަން" ދިނުމަށް ސްކޫލުތަކުގެ ފަންނީ ބޭފުޅުން ތަމްރީނު ކުރުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ އަދި އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އަދި މައްސަލަ ހައްލު ކުރެވޭނީ އެންމެންގެ އީމާންކަމާއި އަގީދާ ވަރުގަދަ ކޮށްގެން ކަމަށާއި ފަރުދީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން ފާހަގަ ކުރެއްވި އެވެ.
ޑްރަގް އެޑިއުކޭޝާނާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދޭން ޖެހިއްޖެ ހާލަތެއްގައި، ސްކޫލުތަކުގައި އެމައުލޫމާތު ދެވޭނެ ފެންވަރުގެ ހުނަރާއި ގާބިލުކަން ހުރި ފަންނުވެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި މިއަދު ފެށި މަސައްކަތު ބައްދަލުވުން ކުރިއަށް ދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
އެ މަސައްކަތު ބައްދަލުވުމުގައި މާލޭގެ 23 ސްކޫލަކުން 25 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ޑްރަގް އެޖެންސީން މައުލޫމާތު ދެ އެވެ.
އެ މަސައްކަތު ބައްދަލުވުމުގައި ސްކޫލް މާހައުލުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކުދިން ދެނެގެންނާނެ ގޮތްތަކާއި، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމުގައި ސްކޫލް ފެންވަރުގައި ކުރެވިދާނެ ކަންތަކާ ގުޅޭ މައުލޫމާތު ބައިވެރިންނާ ހިއްސާކުރާނެ އެވެ.