17 May 2016, 14:47
މޫސާރަ ނުލިބުމުގެ ސަބަބުން ފަރިތަކުރުންތަކުގައި ބައިވެރިނުވެ ތިބި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންނާއި އެ ކްލަބުގެ މެނޭޖްމަންޓާ ދެމެދު އެއްބަސް ވުމަކަށް އައިސް އެ ކުޅުންތެރިން ފަރިތަކުރުންތަކަށް ނިކުންނަށް އެއްބަސްވެއްޖެއެވެ.
ނަން ނުޖެހުމަށް ޝަރުތު ކޮށް ސަންއާ ވާހަކަ ދައްކަމުން ނިއުރޭޑިއަންޓްގެ ބައެއް ކުޅުންތެރިން ބުނީ، ފަރިތަކުރުން ތަކަށް ނުނިކުމެ ހުރުމުގެ ސަބަބުން މެނޭޖްމަންޓުން ކުޅުންތެރިންނާ ވާހަކަ ދައްކައި މާރިޗް މަހާ ހަމައަށް ދޭން ޖެހޭ މުސާރު މިހާރު ދީފައިވާ ކަމަށާއި އަދި އޭޕްރީލް މަހުގެ މުސާރަ މިމަސް ނިމުމުގެ ކުރިން ދިނުމަށް މެނޭޖެމަންޓުން އެއްބަސްވެފައިވާ ކަމަށެވެ.
"އަސްލު ކުރިން އޮތީ ބީޖީ މެޗަށް ފަހު ކުޅުންތެރިން ފަރިތަކުރުންތަކަށް ނުނިކުމެ ތިބެން. ނަމަވެސް އަތޮޅު ތަކުން އައިސް ތިބި ގިނަ ކުޅުންތެރިން އުޅެނީ ވަރަށް ހާލުގަ. އެހެންވެ ހަމައެއް ގޮތެއް ނެތިގެން ފަރިތަކުރުންތަކަށް ވެސް ނުނިކުމެ މިހުއްޓާލީ،" ނިއުގެ ކުޅުންތެރުއަކު ބުންޏެވެ.
ނިއުގެ މެނޭޖްމަންޓާއި ކުޅުންތެރިންނާ ދެމެދު މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކްލަބުގައި ކޮންޓްރެކްޓް ނުހަދާ ތިބި ހުރިހާ ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް ހެދުމަށް ވަނީ އެއް ބަސްވެފައެވެ.
ސަންއާ ވާހަކަ ދެއްކި ނިއުގެ ކުޅުންތެރިއަކު ބުނީ އެއްވެސް ކޮންޓްރެކްޓެއް ނެތި އެ ކުލަބުގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ލައްވައި ކުޅުވަމުންދާ އިރު އެއްބަސްވުމެއް ނެތި ހުރުމުގެ ސަބަބުން އެކުޅުންތެރިންނަށް އެއްވެސް ވަރެއްގެ މުސާރައެއް ވެސް ނުދޭ ކަމަށެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާދަމާރޭ 21:00ގައި ބީޖީ ސްޕޯޓްސް އާ ދެކޮޅަށް ނިއު ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ އެ ކްލަބުން ބޭއްވި ފަރިތަކުރުން ތަކުގައި ހަތް ވަރަކަށް ކުޅުންތެރިން ބައިވެރިވި ނަމަވެސް މިއަދު ހަވީރު އޮންނަ ފަރިތަކުރުން ތަކުގައި ހުރިހާ ކުޅުންތެރިން ވެސް ބައިވެރިވާނެ ކަމަށް ނިއުގެ ކުޅުންތެރިން ބުނެއެވެ.
މި ކަމާ ގުޅިގެން ނިއު ރޭޑިއަންޓުގެ ބަހެއް ހޯދުމަށް ކުރި މަސަތްކަތުން އެ ކުލަބުގެ މެނޭޖަރު އަމީން ފައިސަލަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ ކްލަބުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.