17 May 2016, 14:35
ބޮލީވުޑް ބޮކްސް އޮފީހުގައި ރޯހިތް ޝެޓީގެ ފިލްމު، "ދިލްވާލޭ" އަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް، ބޮލީވުޑްގެ ރަސްގެފާނުގެ ނަމުން މަޝްހޫރު ޝާހް ރުކް ޚާން އޭގައި ދައްކާފައިވާ އެކްޓިންއާމެދު ގިނަ މީހުން ހިތްހަމައެއް ނުޖެހެއެވެ. ގިނަ ބަޔަކު ބުނަނީ، އެ ފިލްމުގައި ޝާހުގެ އެކްޓިން މާ ބޮޑު ކަމަށެވެ.
އެ ސަބަބާއެކު 2010 ވަނަ އަހަރުން ފެށިގެން ބޮލީވުޑްގެ އެންމެ ކަމުނުދާ ފިލްމު އެކްޓަރުން ފާހަގަކޮށް ދެމުން އަންނަ، ގަންތާ އެވޯޑުގެ އެންމެ ކަމުނުދާ އެކްޓަރުގެ އެވޯޑް ވެސް ލިބިފައިވަނީ ޝާހް ރުކް ޚާން އަށެވެ. ޝާހު އަށް އެކަނި ފާޑު ކިޔޭކަށް ނެތެވެ. ގިނަ ބައެއްގެ މަޝްހޫރުކަން ހޯދާފައިވާ ސޯނަމް ކަޕޫރަށް ލިބިފައިވަނީ އެންމެ ކަމުނުދާ ބަތަލާގެ އެވޯޑެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ލިބުނު، ސޫރަޖް ބަރުޖަތްޔާ ޑައިރެކްޓްކޮށް ސޯނަމް ކަޕޫރާއި ސަލްމާން ޚާން ފެނިގެންދާ ފިލްމު، "ޕްރޭމް ރަތަން ދަން ޕާޔޯ" އަށް ވަނީ އެންމެ ކަމުނުދާ ފިލްމުގެ އެވޯޑް ލިބިފައެވެ. އަދި އެންމެ ކަމުނުދާ ޓައިޓަލް ލަވައިގެ އެވޯޑް ވެސް ލިބުނީ އެ ފިލްމަށެވެ.
އެންމެ ކަމުނުދާ ޑައިރެކްޓަރުގެ އެވޯޑް، ޝާހިދު ކަޕޫރާއި އާލިއާ ބަޓް ފެނިގެންދާ ފިލްމު، "ޝާންދާރު" ޑައިރެކްޓްކޮށްފައިވާ ވިކާސް ބާލް އަށް ލިބިފައިވާއިރު، އެންމެ ކަމުނުދާ ސަޕޯޓިން އެކްޓަރުގެ އެވޯޑް ލިބުނީ ނީލް ނިތިން މުކޭޝް އަށެވެ.