ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ އަތުން ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހޯދަން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ދައުވާ ކުރައްވައިފި އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ 10:15 އަށް ސިވިލް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.

ނާޒިމް އެ ދައުވާ އުފުލާފައި ވަނީ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރިޔާޒު ރަޝީދާއި އޭނާގެ އަނބިކަނބަލުންނާއި ދެ ދަރިން މ. ނިޔަދުރުގޭގެ ފަސް ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން ދިރިއުޅެ، ކުލި ދައްކާފައިނުވާ ކަމަށް ވިދާޅުވެ އެވެ.

ސިވިލް ކޯޓުގެ ޑިސްޕިއުޓު މަރުހަލާގައި ރިޔާޒުގެ ގާނޫނީ ވަކީލު ވިދާޅުވެފައި ވަނީ މ. ނިޔަދުރުގެ އިން ރިޔާޒު އެޕާޓްމަންޓެއް ކުއްޔަށް ހިފާފައިނުވާނެ ކަމަށެވެ.

ދެ ފަރާތުން އެއްގަލަކަށް ނޭރުމުން އެ މައްސަލަ މިހާރު ވަނީ ޝަރީއަތަށް ފޮނުވައިފަ އެވެ.