17 May 2016, 14:19
ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކަށް ޚާއްސަކޮށްގެން އިންޓަނެޓު ޕެކޭޖުތަކެއް ދިރާގުން މިއަދު ތައާރަފު ކޮށްފި އެވެ.
ފިކްސްޑް ލައިން ބްރޯޑްބޭންޑް ނެޓްވޯކް ގާއިމު ކޮށްފައި ނުވާ ކޮންމެ ރަށެއްގައި ވެސް ހިންގާ ގެސްޓްހައުސްތަކަށް މި ޚިދުމަތް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނީ، ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ދިރާގުން ކޮންމެ ގެސްޓްހައުސަކަށް ޚާއްސަ ކޭބަލް ކަނެކްޝަނެއް ގާއިމުކުރާނެ ކަމަށާ، އޭގެ ސަބަބުން ހަލުއި ސްޕީޑުގައި އިންޓަނެޓު ލިބޭނެ ކަމަށެވެ. އަދި އަންލިމިޓެޑް އިންޓަނެޓު ޚިދުމަތް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގު ގެސްޓްހައުސް އިންޓަނެޓު ޕެކޭޖުތަކާ އެކު ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ކްލައުޑް ބޭސްޑް ސެންޓްރަލައިޒްޑް ވައިފައި މެނޭޖްމެންޓް ސިސްޓަމަކާ، ޔުނިފައިޑް ތްރެޓް މެނޭޖްމެންޓާ، ޓްރެފިކް އެނެލައިޒްކޮށް، ބޭނުންކުރެވޭ މިންވަރު މެނޭޖްކުރުމުގެ ޚިދުމަތް ހިމެނެ އެވެ.
އޭގެ އިތުރުން ގެސްޓް ޕޯޓަލްއަކާ ބްރޭންޑް ޖަހާފައިވާ ގެސްޓް ލޮގިން ޕޭޖެއް ވެސް ޕެކޭޖުގެ ދަށުން ލިބޭނެ އެވެ. އަދި ގެސްޓުންނަށް ތަފާތު ޕެކޭޖުތައް ފަރުމާ ކުރެވޭނެ ކަމަށާ، އެކްސެސް ކޯޑު ޖެނެރޭޓް ކުރުމާ، އަދި 24 ގަޑިއިރުގެ ޓެކްނިކަލް ސަޕޯޓު ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.
މިއީ ވަކިވަކި ގެސްޓްހައުސްތަކުގެ ބޭނުންތަކަށް ފަރުމާ ކުރެވޭ، ފްލެކްސިބަލް ޕެކޭޖުތަކެއް ކަމަށް ދިރާގުން ބުނާ އިރު، މިއީ ގެސްޓްހައުސްތަކަށް ޚާއްސަކޮށްގެން އިންޓަނެޓު ފޯރުކޮށްދޭން ފަރުމާ ކުރެވިގެން ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ ޚިދުމަތެވެ.