ރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލް ތަސްދީގުކުރެއްވުމާ ގުޅިގެން ސަރުކާރުގެ ގެޒެޓްގައި މިހާރު ޝާއިއުކޮށްފައިވާ އެގާނޫނުގެ މައިގަނޑު މަގްސަދަކީ، ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައިވާ އަދި އެންމެ އަގުބޮޑު އެއްތަރިކަ ކަމުގައިވާ ދިވެހި ބަސް ހީނަރުވިޔަނުދީ ހިމާޔަތް ކުރުމާއެކު، ބަސް ތަރައްޤީކޮށް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާ އެކު ވާސިލުކޮށްދިނުމެވެ.

ދިވެހި ރާއްޖޭގެ ޤައުމީ ބަހަކީ އަދި ރަސްމީ ބަހަކީ ދިވެހިބަސް ކަމަށްވުމާ އެކު، ދިވެހި ދައުލަތުގެ އެންމެހާ މުއާމަލާތްތައް ކުރަން ޖެހޭނީ، ދިވެހިބަހުން ކަމަށާއި ދިވެހިބަހުން މުއާމަލާތު ކުރަން ނޭނގޭ ބޭރުގެ ފަރާތްތަކާއި، ދިވެހި ބަސް ނޫން ބަހަކުން މުއާމަލާތު ކުރުމަކަށް ހުރަސްނާޅާ ކަމަށް އެޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެންމެހާ ތަންތާނގެ ލިޔެކިޔުންތަކުގެ ތެރެއިން، ބޭރު ބަހަކުން ކޮންމެހެން ހުންނަންޖެހޭ ލިޔެކިޔުންތަކާއި، އެޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި، އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިސްތިސްނާ ކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔެކިޔުންތައް، ދިވެހިބަހުން ތާނަ އަކުރުން ހުންނަންޖެހޭނެ ކަމަށް އެޤާނޫނުގައި ބުނެފައިވެ އެވެ.

ހަމައެއާއެކު، ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކުން ދިވެހިންނަށް އަމާޒުކޮށްގެން ލިޔާ އެންމެހާ ލިޔުންތަކުގެ ތެރެއިން، އެޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި، އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިސްތިސްނާ ކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔުންތައް ލިޔަންވާނީ، ދިވެހިބަހުން ތާނަ އަކުރުން ކަމަށްވެސް އެޤާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އަދި އެ ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އިސްތިސްނާ ކުރެވޭ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ، އިލްމީ ނުވަތަ ޑޮކްޓަރީ ތަހުލީލުތަކުގެ ރިޕޯޓާއި، ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީއާއި، ރަސްމީ ލިޔުމަކަށްނުވާ ގޮތަށް ކުރެވޭ ނޯޓްކުރުންތަކާއި، ދެލިކޮޕީތަކާއި، ދިވެހިބަހުން ލިޔެފިނަމަ، ޓެކްނިކަލް މައްސަލައެއް ކުރިމަތިވެދާނެ ފަންނީ ނުވަތަ ޓެކްނިކަލް ލިޔުންތަކެވެ.

އެޤާނޫނު ތަސްދީޤު ކުރައްވާ ތާރީހުން ފެށިގެން ގިނަވެގެން 90 ދުވަހުގެ ތެރޭގައި، [ދިވެހިބަހުގެ އެކެޑަމީ]ގެ ނަމުގައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ މުއައްސަސާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންވާނެ ކަމަށްވެސް އެގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެ އެކެޑަމީއަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް އެޤާނޫނުގައިވެ އެވެ.

އެގާނޫނަކީ ގާނޫނުއަސާސީގެ 11 ވަނަ މާއްދާއިން، ރާއްޖޭގެ ގައުމީ ބަހަކީ ދިވެހިބަސް ކަމަށް ކަނޑައަޅާފައި އޮތުމާއެކު، ރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އެއް ތަނބަކީ، ދިވެހިބަސް ކަމަށްވެފައި، ބަވަނަވަމުން އަންނަ ދުނިޔޭގައި، އެއް ޝަގާފަތާއި އަނެއް ޝަގާފަތާ، އެއްބަހާއި އަނެއްބަސް ގައިގޯޅިވެ، ބަސްމޮށެއުޅޭ އާބާދީ މަދު ބަސްތައް ނެތިގެން ހިނގައިދާނެ ކަމުގެ އިންޒާރު، އ.ދ.ގެ ތައްލީމާއި، ސައިންސާއި، ޝަގާފަތާބެހޭ ޖަމްއިއްޔާއިން ދެމުންގެންދާއިރު، އެކަމަށް ރައްކާތެރިވުމަކީ، ދިވެހިން ލަސްނުކޮށް ކޮންމެހެން ކުރަންވެއްޖެ ކަމެއް ކަމަށް ފެންނާތީ، ދިވެހިބަސް ހިމާޔަތްކޮށް، ރައްކާތެރިކޮށް، ދިރުވައި، ދަމަހައްޓައި، ކުރިއަރުވައި، މުއްސަންދިކޮށް، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާސިލުކޮށްދިނުމަކީ، އަބަދުވެސް އެއިރެއްގައި އޮތް ދިވެހި ޖީލެއްގެ މަސްއޫލިއްޔަތެއް ކަމުގައިވާތީ، އެމުހިންމު މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދިވެހި ރައްޔިތުން ލިބިގަތް ޤާނޫނެކެވެ.