ވޮޝިންޓަން (މޭ 17): އިރާގުގައި އައިއެސް އިން ހިފާފައި އޮތް ސަރަހައްދުގެ 45 ޕަސެންޓު އެމެރިކާގެ ވައިގެ ހަމަލާތަކުގެ އެހީގައި، އިރާގުގެ ސަލާމަތީ ފައުޖުތަކުން އަނބުރާ ނަގާފައިވާ ކަމަށް ޕެންޓަގަންގެ ތަރުޖަމާނު، ޕީޓާ ކުކް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އައިއެސް އިން ހިފާފައި އޮތް ސަރަހައްދުގެ 40 ޕަސެންޓު އެޖަމާއަތަށް ގެއްލިފައިވާ ކަމަށާއި އައިއެސްއާ ދެކޮޅަށް ސީރިއާ އާއި އިރާގުގައި ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، އޭރާ އަޅާ ބަލާ އިރު އައިއެސްގެ އަތުން އެމެރިކާ އާއި އިރާގުގެ ފައުޖުތަކަށް އިތުރަށް އަތުލައިގަނެވިފައި ވަނީ އެންމެ ފަސް ޕަސެންޓުގެ ސަރަހައްދެކެވެ.

"އިރާގުގެ ސަރުކާރުން ވަނީ އައިއެސް އިން އެގައުމުގައި ހިފާފައި އޮތް ސަރަހައްދުގެ 45 ޕަސެންޓު އަނބުރާ ނަގާފައި. އައިއެސްގެ އަތުން ސީރިއާ އިން އަނބުރާ ނަގާފައިވާ ސަރަހައްދުގެ މިންވަރު އުޅެނީ 16 ޕަސެންޓާއި 20 ޕަސެންޓާ ދެމެދުގައި،" ކުކް ވިދާޅުވި އެވެ.

އައިއެސް އިން ސީރިއާ އާއި އިރާގުގެ ބޮޑު ބައެއް ހިފާފައި ވަނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން އެމެރިކާ އިން ވަނީ ވައިގެ ހަމަލާތައް ދީގެންނާއި ސީރިއާގައި ތިބި، އެ ގައުމުގެ ހަނގުރާމަވެރިން ތަމްރީނު ކޮށްގެން އައިއެސްއާ ދެކޮޅަށް ހަމަލާ ދޭން ފަށައިފަ އެވެ. (އޭއެފްޕީ)