17 May 2016, 13:10
ފިނޭންސް މިނިސްޓްރީގެ އާ އިމާރާތުގެ މަސައްކަތް ކުރަމުންދާތީ އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް އަންނަ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
މުވައްޒަފުންގެ ސުކީމުގައި މިއަދު އެ މިނިސްޓްރީން ބައިވެރިވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އެކަން އެގޮތަށް ކުރަމުންދާތީ ބައެއް ކަހަލަ ދަތިތައް މުވައްޒަފުންނަށް ކުރިމަތިވަމުންދާނެ ކަމަށެވެ. މިނިސްޓަރު ވަނީ ފިނޭންސުގެ މުވައްޒަފުންގެ ކިބައިން ކެތްތެރިވުމަށް އެދިވަޑައިގެންފަ އެވެ.
"އާ އިމާރާތް އެޅުނީމާ އެ ލުއިފަސޭހަކަން މުވައްޒަފުންނަށް އަންނާނެ. އަދި ސަރުކާރު އެހެން އޮފީސްތަކަށް ވެސް ފިނޭންސްގެ އާ އިމާރަތް އެޅިގެން ދިޔައިމަ އެ ލުއި ފަސޭހަކަން ލިބިގެން އަންނާނެ. އެހެންވީމަ އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް ހުރިހާ މުވައްޒަފުން ވެސް ކެތްތެރިވެ، ހުރިހާ މުވައްޒަފުން ވެސް އެއްބާރުލުން ދީގެން އާ އިމާރާތް ފެށުމަށް ޓަކައި އެ މީހަކަށް ކުރެވެން ހުރި މަސައްކަތްތަކެއް ކޮށްދިނުން އެއީ އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
ފިނޭންސްގެ ބައެއް މުވައްޒަފުން އެހެން އިމާރާތްތަކަށް ބަދަލުކުރާ ވާހަކަ މިނިސްޓަރު މިއަދު ވިދާޅުވި އިރު ބަދަލު ކުރަމުން ދަނީ ކޮން އިމާރާތްތަކަކަށް ކަމެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ބިމުގައި އަލަށް ހަދާ 25 ބުރީގެ އިމާރާތުގެ މަސައްކަތް ކުރުމަށް މެލޭޝިއާގެ "ޑަބްލިޔް ޒެޑް އާރު ޕުރޮޕަޓީ" އާ ހަވާލުކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހު އެވެ.
ފިނޭންސް މިނިސްޓްރީ މިހާރު ހުރި ބިމުގައި 25 ބުރިއަށް ހަދާ 32500 އަކަފޫޓުގެ އެ އިމާރާތަކީ ކޮންޓެކްޓަރު ފައިނޭންސްކުރާ ގޮތަށް އިމާރާތްކުރާ 123 މިލިއަން ޑޮލަރުގެ އިމާރާތެކެވެ. އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައި ވަނީ 36 މަސް ނުވަތަ ތިން އަހަރު ތެރޭގަ އެވެ.
ކޮންޓެކްޓަރު ފައިނޭންސް ކުރާ ގޮތަށް އިމާރާތްކުރާ އެ އިމާރާތައް ސަރުކާރުން އެކޮންޓެކްޓަރަށް ފައިސާ ދެއްކުމަށް 23 އަހަރު ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު ޖިހާދު ވަނީ ވިދާޅުވެފަ އެވެ.