17 May 2016, 13:29
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލަޖީ (އައިސީޓީ)ގެ ބޭނުން ހިފުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އިލްތިމާސް ކުރައްވައިފި އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީގެ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް މިނިސްޓަރު އުމަރު މިއަދު ދެއްވި ހިތޯބެއްގައި ވިދާޅުވީ ގައުމުގެ އިގްތިސޯދާއި އިޖުތިމާއީ ތަރައްގީގައި ޓެކްނޮލޮޖީގެ މުހިންމު ދައުރެއް އަދާ ކުރާ ކަމަށެވެ.
"ހާއްސަކޮށް ވިޔަފާރި ތަރައްގީ ކުރާ ފަރާތްތަކަށާއި އިންވެސްޓަރުންނަށް އަޅުގަނޑު މި އިލްތިމާސް ކުރަނީ އައިސީޓީގެ ވަސީލަތްތަކާއި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހިތްވަރު ދެއްވައި ކުދި ވިޔަފާރިތައް އާލާކޮށްދެއްވުމަށް،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިންފޮމޭޝަން ސޮސައިޓީއެއް ނުވަތަ މައުލޫމާތުގެ މުޖުތަމައުއެއް ބިނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގައި އައިސީޓީގެ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރިން އެބަ ތިބިކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ އައިސީޓީގެ ހުނަރުވެރިކަން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބަދަލުވެގެން ދިއުމަކީ ގައުމަށް ނުހަނު ފައިދާ ވާނެ ކަމެއް ކަމަށެވެ.
"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ ގައުމުގެ އިގްތިޞާދުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް. އެހެންކަމުން މިފަދަ ފަރާތްތަކަށް އައިސީޓީގެ ބޭނުން ހިފުމަށް ކަންކަން ފަހިކޮށްދޭން ޖެހޭ،" އުމަރު ވިދާޅުވި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ބޮޑެތި ވިޔަފާރިތަކަށް އިތުރު ފުރިހަމަކަން ގެނެސްދީ ބޮޑެތި ވިޔަފާރިތަކުން ކުރަން ދަތި ބައެއް ކަންކަން ފޫބައްދައިދޭ ބައެއް ކަމަށާއި ދުނިޔޭގެ ޖުމްލަ ވިޔަފާރީގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކަމުގައި ވެސް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އައިސީޓީ މެދުވެރިކޮށް ވިޔަފާރިތައް ފެށިދާނެ ކަމަށާއި އދ.ގެ މަޖިލީހުން ކަނޑައަޅައިފައިވާ ދުނިޔޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް ވެސް އައިސީޓީގެ އުފެއްދުންތެރިންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހަށް ދުނިޔޭގެ މުއާސަލާތީ ޖަމުއިއްޔާ، އައިޓީޔޫ އިން ކަނޑައަޅާފައިވާ ޝިއާރަކީ، ޓެލެކޮމިއުނިކޭޝަނާއި މުއާސަލާތީ ޓެކެނޮލޮޖީގެ އުފެއްދުންތެރިކަމުން އިޖްތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ.