ހުޅުމާލޭގައި ގާއިމުކުރަން ހަމަޖައްސާފައިވާ ސިވިލް ކޯޓުގެ ޑިވިޝަނަށް ހުށަހަޅަން ޖެހޭ މައްސަލަތައް ޖަސްޓިސް ބިލްޑިންގައި ހުންނަ ސިވިލް ކޯޓުގެ އިދާރީ ކައުންޓަރަށް ބަލައިގަންނަ ގޮތަށް ހަމަޖައްސައިފި އެވެ.

ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ގާއިމު ކުރުމަށް ސުޕްރީމް ކޯޓުން ގަރާރެއް ނެރުނީ މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް އަދި އެގޮފި ގާއިމްކޮށްފައެއް ނުވެ އެވެ.

އިއްޔެ ސިވިލް ކޯޓުގެ ވެބްސައިޓުގައި އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސިވިލް ކޯޓުން އެހެން ގޮތަކަށް ކަނޑައަޅަންދެން އެ ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް ހުށަހަޅަން ޖެހޭ މައްސަލަތަކާއި ވަގުތީ އަމުރުތަކާއި ސިޓީފަދަ ތަކެތި ޖަސްޓިސް ބިލްޑިންގައި ހުންނަ ސިވިލް ކޯޓުގެ އިދާރީ ކައުންޓަރުން ބަލައިގަންނާނެ ކަމަށެވެ.

ހުޅުމާލޭގައި ސިވިލްކޯޓުގެ ގޮތްޕެއް ގާއިމުކުރުމަށް އަންގައި ސުޕްރީމް ކޯޓުން ނެރުނު ގަރާރުގައި ބުނެފައި ވަނީ ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ގާއިމު ކުރަން ނިންމީ ތަނަވަސްވަމުން ފުޅާވަމުންދާ ރާއްޖޭގެ އިގްތިސާދީ، ތިޖާރީ އަދި އިޖުތިމާއީ ކުރިއެރުމަށް ބޮޑަށް ފަހި ޝަރުއީ ނިޒާމެއް ގާއިމްކޮށް ރާއްޖޭގެ ސިވިލް ޖަސްޓިސް އިތުރަށް ހަރުދަނާކުރުމަށް ޓަކައި ކަމަށެވެ.

އެ ގޮތްޕަށް އައްޔަން ކުރާނީ މިހާރު ސިވިލް ކޯޓުތައި ތިބި ފަނޑިޔާރުން ކަމަށާއި އެކަން ކުރާނީ ސިވިލް ކޯޓުގެ މަޝްވަރާގެ މަތިން ސުޕްރީމް ކޯޓުން ކަމަށް ވެސް އެ ގަރާރުގައިވެ އެވެ. ނަމަވެސް އެގޮތްޕަށް އައްޔަން ކުރަނީ ކޮން ފަނޑިޔާރުންނެއް ކަމެއް އަދި އިއުލާނެއް ނުކުރެ އެވެ.