ތިރުޕޫރު (މޭ 17): އިންޑިއާގެ ޓަމިލް ނާޑޫގައި މަޖިލިސް އިންތިހާބުގެ ގާތްވެފައި ވަނިކޮށް އެ ސްޓޭޓުގެ ތިރުޕޫރު ކައިރިން 570 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 87 މިލިއަން ޑޮލަރާ) އެކު ދަތުރު ކުރި ތިން އުޅަނދު އެގައުމުގެ ފުލުހުން ހިފަހައްޓައިފި އެވެ.

ޓަމިލް ނާޑުގެ އިލެކްޓޯރަލް އޮފިޝަލުން އެތިން އުޅަނދު ހިފަހެއްޓުމުން އުޅަނދުގައި ތިބި މީހުން ވަނީ އެއީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ކޮއިމްބަތޫރުގައި ހުންނަ ބްރާންޗުން ވިސާކަޕަޓްނަމުގައި ހުންނަ ބްރާންޗަށް ބަދަލު ކުރާ ފައިސާ ކަމަށް ބުނެފަ އެވެ. އެސްބީއައި ވަނީ އެފައިސާ ގެންގޮސްފައި ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާގެ އެދުމުގެ މަތިން ކަމަށް ބުނެފަ އެވެ.

ނަމަވެސް، އިލެކްޓޯރަލް އޮފިޝަލުން ވިދާޅުވި ގޮތުގައި ތިން ޓްރަކު ހުއްޓުވަން މަސައްކަތް ކުރުމުން އެއުޅަނދުތައް ވަނީ ދުވެލި މަޑުނުކޮށް ބާރަށް ދުއްވައިފަ އެވެ. އަދި އުޅަނދު ދުއްވަން ތިބި މީހުންގެ އަތުގައި އެސްބީއައިއާ ގުޅޭ ރަސްމީ ލިޔުމެއް ނެތް އިރު، އެމީހުންނާ އެކު ދަތުރު ކުރި ފުލުހުން ތިބީ އާދައިގެ ހެދުމުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ވިދާޅުވި އެވެ.

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ފައިސާ ޓްރާންސްފާ ކޮށްފައި ވަނީ ރަނގަޅު ބޭނުމެއްގައި ނޫން ކަމަށާއި އެސްބީއައި އިން ފައިސާގެ ޒިންމާ ނަގާފައި ވަނީ ސަރުކާރުގެ އިސް މިނިސްޓަރެއްގެ އެދުމުގެ މަތިން ކަމަށް ބުނެފަ އެވެ.

ޓަމިލް ނާޑޫގެ އިލެކްޝަންސް ކޮމިޝަނުން ވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ ގޮތުން އުޅަނދުތައް ހިފަހައްޓައިފަ އެވެ. އަދި އެސްބީއައި އިން ވަނީ ފައިސާ ޓްރާންސްފާ ކުރުމާ ބެހޭ ހުރިހާ ލިޔުންތައް އިލެކްޝަންސް ކޮމިޝަނަށް މިހާރު ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. (ހިންދޫ)