ފަނޑިޔާރުންނާ ބެހޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށް އެކުލަވާލި "ޝަކުވާ ކޮމެޓީ" އުވާލައި އެ މައްސަލަތައް ސީދާ ޖުޑިޝަލް ސާވިސް ކޮމިޝަން [ޖޭއެސްސީ] އިން ބަލާ ގޮތަށް ހަމަޖައްސައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުންގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން މިއަދު ވިދާޅުވީ، ޝަކުވާ ކޮމިޓީ އުވާލެއްވީ ކޮމިޝަނަށް ހުށަހަޅޭ މައްސަލަތައް ލީގަލް ޓީމަށް ހުށަހަޅައިގެން ކުރިއަށްދާ އުސޫލެއް މިހާރު ހަމަޖެހިފައިވާތީ ކަމަށެވެ.

"ކުރިން އޮންނަ ގޮތަކީ، ހުށަހެޅޭ މައްސަލަތައް ދާނީ ޝަކުވާ ބަލާ ކޮމިޓީ އަށް. ކޮމިޓީން ބެލުމަށް ފަހު އެ މައްސަލައާ ބެހޭ ގޮތުން އެކުލަވާލާ ރިޕޯޓް ކޮމިޝަނަށް ހުށަހެޅުމުން ކޮމިޝަނުން ގޮތެއް ނިންމާނީ. ނަމަވެސް މިހާރު ކޮމިޝަންގެ ހިންގާ ގަވާއިދު ބުނާ ގޮތުން ފަނޑިޔާރުންނާ ބެހޭ ގޮތުން ހުށަހެޅޭ މައްސަލަތައް މިހާރު ދާނީ ލީގަލް ޓީމަށް. ދެން ލީގަލް ޓީމުން އެ މައްސަލައަކާ ބެހޭ ގޮތުން އެކުލަވާލާ ރިޕޯޓް ކޮމިޝަނަށް ހުށަޅަން ޖެހޭނީ،" ޒަހީން ވިދާޅުވި އެވެ.

ޖޭއެސްސީން ބުނީ، އެ ޝަކުވާތައް ކޮމިޝަނުން ބަލާ ގޮތަށް ހަމަޖެއްސުމުން ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ދިރާސާކޮށް އެފަދަ ޝަކުވާތަކަށް އަވަސް ހައްލެއް އަންނާނެ ކަމަށެވެ. އަދި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ލީގަލް ސެކްޝަނުން ދިރާސާކޮށް، ހަފުތާ އަކު، މަދުވެގެން 10 ޝަކުވާ ކޮމިޝަނަށް ހުށަހެޅުމަށް ނިންމައި، ކޮންމެ ބުދަ ދުވަހަކު ބާއްވާ ކޮމިޝަންގެ ބައްދަލުވުމަކީ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާތަކަށް ގޮތެއް ނިންމުމަށް ޚާއްސަ ކޮށްގެން ބާއްވާ ބައްދަލު ވުމަކަށް ހެދުމަށް ހަމަ ޖައްސާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.