17 May 2016, 12:48
ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސުކީމް"ގައި ފިނޭންސް މިނިސްޓްރީ އިން ބައިވެރިވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ. ހައްޖު ކޯޕަރޭޝަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ދިވެހިންގެ ތެރެއިން އެންމެންނަކީ ވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ބޭނުންވެފައިވާ ބައެއް ކަމަށެވެ. ޖިހާދު ވިދާޅުވީ ސަރުކާރަކަށް ވެސް ހުރިހާ ރައްޔިތުން ހައްޖަށް ފޮނުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެހެންވީމާ މިކަހަލަ ފުރުސަތެއް ލިބިގެން ދިއުމަކީ އަޅުގަނޑު ދަންނަވާނީ މުވައްޒަފުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރެކޭ. މުވައްޒަފުން ވަރަށް ލުއި ފަސޭހަ ގޮތެއްގައި އެ މީހެއްގެ މުސާރައިން ވަކި އަދަދެއް ކަނޑައި ޖަމާކުރުމަށް ފަހު އަގުގެ 75 ޕަސެންޓު ދެއްކުމުން އޭނާ އަށް ކަށަވަރުވޭ އޭނާ އަށް ހައްޖަށް ދެވޭނެ އަހަރު. އެހެންވީމާ ހައްޖުގެ އަޅުކަން ހުރިހާ މުވައްޒަފުންނަށް ވެސް އަޅުގަނޑު ގަބޫލުކުރާނީ 75 ޕަސެންޓް ދެއްކިއްޖެ ކަމަށްވަންޏާ ކަށަވަރުވީއޭ،" ޖިހާދު ވިދާޅުވި އެވެ.
"މުވައްޒަފުންގެ ސުކީމް"ގައި ފިނޭންސް މިނިސްޓްރީން ބައިވެރިވުމަށްފަހު އެކަމާ ގުޅޭ ގޮތުން މިނިސްޓަރު ޖިހާދު ވާހަކަފުޅު ދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
މިނިސްޓަރު ވަނީ އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ޒުވާން އުމުރުގައި ހައްޖަށް ދިއުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން ފިނޭންސުގެ މުވައްޒަފުންނާ ވާހަކަފުޅު ދައްކަވައިފަ އެވެ.
މިއަދުފެ ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން ވިދާޅުވީ މިފަދަ ސުކީމެއްގެ އެންމެ މުހިއްމު ބޭނުމަކީ ދިވެހި ރައްޔިތުންގެ ތެރެއިން ހައްޖާއި އުމުރާގެ އަޅުކަން އަދާކުރައްވަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.
ޔާމީން ވިދާޅުވީ އެއްފަހަރު ހައްޖަށް ގޮސްފައި ތިބި ބައެއް ފަރާތްތަކުން މި ސުކީމުގެ ދަށުން އާއިލާ ބޭފުޅަކު ހައްޖަށް ގެންދަން ބޭނުންވެދާނެ ކަމަށެވެ. އެހެންކަމުން އެ ފުރުސަތު ވެސް މި ސުކީމުގެ ދަށުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސުކީމްގެ ދަށުން މުވައްޒަފުންގެ މުސާރައިން މުވައްޒަފުން ކަނޑައަޅާ އަދަދެއް ކޮންމެ މަހަކު ވެސް ކަނޑާނެ އެވެ. އަދި ދައްކަންޖެހޭ ފައިސާގެ 75 ޕަސެންޓް ހަމަވުމުން އެ މުވައްޒަފަކަށް ހައްޖަށް ދެވޭނީ ކޮން އަހަރަކުކަން އަންގައި ހައްޖު ކޯޕަރޭޝަނުން އެކަން ހަމަޖައްސައިދޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މީގެ ކުރިން އެ ސުކީމުގައި އެއާޕޯޓްސް ކޮމްޕެނީ އާއި އެސްޓީއޯ އަދި އެޗްޑީސީ އަދި އެމްޑަބްލިއުއެސްސީ އިން ވަނީ ބައިވެރިވެފަ އެވެ. ހަމައެއާ އެކު ފުލުހުންގެ މުއައްސަސާވެސް ވަނީ މި ސުކީމުގައި ބައިވެރިވެފަ އެވެ.
ފިނޭންސް މިނިސްޓްރީއަކީ މި ސުކީމުގައި ބައިވެރިވި ދެ ވަނަ މިނިސްޓްރީ އެވެ. މި ސުކީމުގައި އެންމެ ފުރަތަމަ ބައިވެރިވި މިނިސްޓްރީ އަކީ ހޯމް މިނިސްޓްރީ އެވެ.