17 May 2016, 11:24
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގައި މުސާރައިގެ މައްސަލަތަކެއް ފެންމަތިވެ، އެ ކްލަބްގެ ކުޅުންތެރީން ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދައިފިއެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ނިއުގެ ބައެއް ކުޅުންތެރީންނަށް ފާއިތުވީ ދެމަސްދުވަހުގެ ވެސް މުސާރަ ލިބިފައެއް ނުވެއެވެ.
މުސާރައިގެ މައްސަލައާއި އަދި އެނޫންވެސް ބައެއް ކަންކަމުގައި ކްލަބުގެ މެނޭޖްމަންޓުން އަމަލުކުރާ ގޮތްތަކާމެދު ހިތްހަމަ ނުޖެހިގެން ގިނަ ކުޅުންތެރީންތަކެއް ވަނީ ހޯމަ ދުވަހުން ފެށިގެން ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ހުއްޓާލައިފައެވެ.
"ކްލަބް ތެރޭގައި މުސާރައިގެ މައްސަލަ އުޅޭތާ ދުވަސްތަކެއް ވެއްޖެ. ކުޅުންތެރީން އެއްޗެކޭ ނުބުނެ ތިބެނީ ކްލަބް ދެކެ ލޯބިވާތީ. އެހެން ނަމަވެސް މިދިޔަ އޭއެފްސީ ކަޕް ތެރޭގައި ވެސް ރާއްޖޭން ބޭރުގައި ނިއު ކުޅުނު މެޗުތަކަށް ދިޔައިރު، ކުޅުންތެރީންނާ ދޭތެރޭ ކްލަބުން ކަންތައް ކޮށްފައި ހުރީ ވަރަށް ދެރަވަރުކޮށް،" ނަން ނުޖެހުމަށް ޝަރުތުކޮށް ސަންއާ ވާހަކަ ދައްކަމުން ނިއުގެ ކުޅުންތެރިއަކު ކިޔައިދިނެވެ.
މުސާރައާ ގުޅޭގޮތުން ކްލަބްގެ މެނޭޖްމަންޓާ ސުވާލުކުރުމުން، އެފްއޭއެމުން ލިބެންޖެހޭ ބައެއް ފައިސާ ނުލިބި ހުރުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެފައިވާ ކަަމަށް ކުޅުންތެރީންގެ ގާތުގައި މެނޭޖްމަންޓުން ބުނެފައިވާ ކަމަށްވެސް ނިއުގެ ކުޅުންތެރިއަކު ބުންޏެވެ.
"މުސާރައިގެ ވާހަކަ އަހާލުމުން މެނޭޖްމަންޓުން މިބުނަނީ، މިހާރު ކްލަބަށް އާމްދަނީ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް. އަދި އެފްއޭއެމުން ލިބެންޖެހޭ އިނާމު ފައިސާވެސް ނުލިބޭކަމަށް،" ނަން ހާމަކުރާން ބޭނުން ނުވާ ނިއުގެ އެހެން ކުޅުންތެރިއަކު ބުންޏެވެ.
އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު އާދަމް މިއަދު ސަންއަށް ވިދާޅުވީ، ނިއުގެ ކުޅުންތެރީންނަށް މުސާރަ ނުދެވިގެން އުޅެނީ އެފްއޭއެމްގެ ސަބަބުންކަމަށް ދޭހަވާގޮތަށް ދެކެވެނީ ރަނގަޅު ވާހަކަތަކެއް ނޫންކަމަށެވެ.
"އެފްއޭއެމުން ނިއު ރޭޑިއަންޓަށް ދޫނުކޮށް ހުރީ ގާތްގަނޑަކަށް 280،000 ރުފިޔާ. އެ ފައިސާ ހިފަހައްޓާފައި ވަނީ، ނިއުގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ އަސްހަދު އަލީއަށް އެ ކްލަބުން ދޭންޖެހޭ މުސާރަ ނުދީ އޮތްކަމަށް ބުނެ އޭނާގެ ފަރާތުން މައްސަލައެއް މިތަނަށް ހުށަހަޅާފައި ވާތީ،" މުހައްމަދު އާދަމް ވިދާޅުވިއެވެ.
"އަސްހަދު މިތަނަށް ހުށަހަޅާފައި ވަނީ ނިއުއިން އޭނާއަށް ދީފައިވާ 200،000 ރުފިޔާއަށް ވުރެ ގިނަ ފައިސާގެ ޗެކެއް. އެކަމަކު އެފައިސާ އޭނާއަށް ނުލިބޭ ކަމަށްބުނެ."
އެފްއޭއެމުން ބުނީ، އެ އިދާރާއަކީ ފުޓްބޯޅަ ކްލަބްތަކުގެ އިތުރުން ފުޓްބޯޅަ ކުޅުންތެރީންގެ ހައްގުގައި ވެސް މަސައްކަތްކުރާން އޮތް އިދާރާ ކަމަށް ވުމުން، ކުޅުންތެރީންގެ ފަރާތުން އެފަދަ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެމައްސަލަ ހައްލު ނުކޮށް، ނިއުއަށް ފައިސާ ދޫނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
"އެ ފައިސާ ނުދޭކަނަށް ނޫން. އެކަމަކު ކުޅުންތެރީންގެ ހައްގުތައްވެސް ހިމާޔަތްކުރާން އެބަޖެހޭ. އެހެންވެ އެކަމާ ގުޅިގެން އެފްއޭއެމުން މިދަނީ، ނިއުއާ ވެސް މަޝްވަރާކުރަމުން. އެފްއޭއެމުން ބޭނުންވަނީ މިހާރުވެސް އެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކޮށްދޭން،" މުހައްމަދު އާދަމް ވިދާޅުވިއެވެ.
ނިއުގެ ގިނަ ކުޅުންތެރީން ތަކަކަށް މުސާރަ ނުލިބިވާ މައްސަލައާއި އެ ކްލަބަށް ގެނެސްފައިވާ ބިދޭސީ ކުޅުންތެރީންނަށް ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ ނިއުގެ ބައެއް ކުޅުންތެރީން ސަންއާ ހިއްސާ ކޮށްފައިވާ ވާހަކަތަކުގެ ތެދުދޮގު ބެލުމަށް ކްލަބުގެ ބަހެއް ހޯދުމަށް، ސަންއިން ގިނަ މަސައްކަތްތަކެއް ކުރީމެވެ.
އެހެން ނަމަވެސް ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ، އަދި ވޭތުވެ ދިޔަ ތިން އަހަރުވެސް ރާއްޖޭގެ ޗެމްޕިއަން، ނިއު ރޭޑިއަންޓުގެ މެނޭޖަރު އަމީން ފައިސަލަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ ކްލަބުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާދަމާރޭ 21:00ގައި ބީޖީ ސްޕޯޓްސް އާ ދެކޮޅަށް ނިއު ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ އެ ކްލަބުން ބޭއްވި ފަރިތަކުރުން ތަކުގައި ބައިވެރިވެފައި ވަނީ މަދު ކުޅުންތެރީން ތަކެކެވެ.