17 May 2016, 11:22
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒުގެ އަތުން 35،000 އެމެރިކާ ޑޮލަރު (539350 ރުފިޔާ) ހޯދަން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ދައުވާ ކުރައްވައިފި އެވެ.
އެފަދަ މައްސަލައެއް ހުށަހެޅިފައިވާކަން ސިވިލް ކޯޓުން ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ނާފިޒާ ދެކޮޅަށް ނާޒިމް ދައުވާ އުފުލީ އޭނާގެ އެދިވަޑައިގަތުމަށް ދަރަނީގެ ގޮތުގައި 35،000 އެމެރިކާ ޑޮލަރު މީގެ ކުރިން ދޫކޮށްފައިވީ ނަމަވެސް، އަނބުރާ ނާފިޒު އެ ދަރަނި އަދާކޮށްފައިނުވާ ކަމަށް ބުނެ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އަބްދުއްރަޝީދު ނާފިޒުގެ ކޮމެންޓެއްް ހޯދުމަށް ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސިވިލް ކޯޓުގެ ޑިސްޕިއުޓު މަރުހަލާގައި ނާފިޒުގެ ފަރާތުން ވިދާޅުވެފައި ވަނީ ނާޒިމް ދައުވާ ކުރައްވާ އެ ފައިސާ އަކީ ނާފިޒަށް ލިބިވަޑައިގެންފައިވާ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް ނާޒިމްގެ ފަރާތުން ވިދާޅުވަމުން އަންނަނީ 35،000 ޑޮލަރުގެ ޗެކު ނާޒިމް ހަވާލުކުރެއްވީ ނާފިޒާ ކަމަށާއި އެކަމުގެ ހެކި އެބަހުރި ކަމަށެވެ.
ޑިސްޕިއުޓު މަރުހަލާގައި ދެ ފަރާތުން އެ މައްސަލައިގައި އެއްގަލަކަށް ނޭރުމުން ޝަރީއަތަށް މިހާރު ވަނީ މައްސަލަ ފޮނުވައިފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުން އިއްވި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ނާޒިމް މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އޭނާ އިނގިރޭސިވިލާތަށް ވަޑައިގަތީ ބޭސްފަރުވާއަށް ކަރެކްޝަނަލް ސާވިސް އިން ސިންގަޕޫރަށް ފޮނުވާފައި ވަނިކޮށެވެ.