17 May 2016, 11:30
އެކާވީސްވަނަ ގަރުނުގައި އިސްލާމް ދީނަށް ހުރި ބައެއް ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ތަފާތު ކަންތައްތަކާ ގުޅޭގޮތުން 26 ވަނަ އަރަބި އިސްލާމީ ކޮންފަރެންސްގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި މަހުގެ 14 އިން 15 ށް މިސްރުގައި ކުރިއަށް ދިޔަ ކޮންފަރެންސްގައި ރާއްޖެ ހިމެނޭ ގޮތުން ތަފާތު 32 ގައުމަކުން ވަނީ ބައިވެރިވެފަ އެވެ. ރާއްޖޭގެ ފަރާތުން ކޮންފަރެންސްގައި ބައިވެރިވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު އަބްދުއްރަހުމާނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ ކޮންފަރެންސްގައި އިސްލާމް ދީނަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކުގެ އިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް ޖަމާއަތްތަކުގެ އިސްލާމީ ވަހުދަތު ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް އިސްލާމީ ގައުމުތައް ގުޅިގެންނާއި ފަރުދީ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅިގެންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުން، އެރޮނގުން ކުރެވިދާނެ 15 ކަމަކާ ގުޅިގެން މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އެ ހުރިހާ ކަމަކީވެސް އިސްލާމް ދީނަށް ކުރިމަތިވެފައިވާ ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތައް ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ.
ގައުމުތަކުން އެއްބަސްވި ބައެއް ކަންތައްތަކުގެ ތެރޭގައި، ހައްދު ފަހަނައަޅައި ދިއުމާއި، ޓެރަރިޒަމާއި ދެކޮޅަށް އެކުގައި މަސައްކަތް ކުރުން ފާހަގަކޮށްލެވެ އެވެ.
ގައުމުތަކުން އެއްބަސްވި ކަންކަން، މިސްރުގެ ފޮރިން މިނިސްޓްރީއަށް ހުށަހެޅުމަށް ނިންމާފައި ވާއިރު، އެ ކަންކަން ފާސްވެއްޖެ ނަމަ، އެއީ ދުނިޔޭގެ އަމާންކަމަށް އިސްލާމީ ދުނިޔެއިން ދޭ މެސެޖެއްގެ ގޮތުގައި އާންމު ކުރުމަށް ވަނީ ނިންމައިފަ އެވެ.