17 May 2016, 13:00
ސޯލް (މޭ 17) : ތެލުގެ މައްޗަށް ބަރޯސާ ވެފައިވާ ސައޫދީ އަރަބިޔާގެ އިގްތިސާދަށް އިސްލާޙީ އަވަސް ބަދަލުތަކެއް ނުގެނަސްފި ނަމަ މާލީ ޝޮކަކާ ކުރިމަތިލުމަށް ސައޫދީ އަށް ދެން އޮތީ އެންމެ ދެ އަހަރު ކަމަށް ދުނިޔޭގެ މާލީކަންތައްތަކާ ބެހޭ ބައިނަލްއަގްވާމީ ތަޖްރިބާކާރެއް ކަމަށްވާ ޒެކް ޝަރާއިބާ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާގައި ސޯލްގައި ބޭއްވި ބައިނަލްއަގްވާމީ އިންވެސްޓްމަންޓްތަކާ ބެހޭ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ޝަރާއިބާ ވިދާޅުވީ ތެލުގެ އަގު ދަށަށްދިޔުމުގެ ސަބަބުން އެހެން ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިނުވާވަރުގެ ނުރައްކަލެއް ސައޫދީ އިގްތިސާދަށް ކުރިމަތިވެފައިވާ ކަމަށާ ފާއިތުވި ތިންއަހަރާއި އަދި ކުރިޔަށްއޮތް ދެއަހަރު ސައޫދީ އިގްތިސާދުގެ 35 ޕަސެންޓް ހިފަހައްޓަނީ އެ ގައުމުން ރައްކާކޮށްފައިވާ ރިޒާވް ފައިސާގެ ބޭނުންކޮށްގެން ކަމުގައެވެ.
ސައޫދީ އަރަބިޔާ އިން ރިޒާވް ފައިސާގެ ގޮތުގައި 800 ބިލިޔަން އެމެރިކާ ޑޮލަރު ރައްކާކޮށްފައިވާ ކަމަށްވެ އެވެ. މީގެ ތެރެއިން 550 ބިލިޔަން ޑޮލަރު މިހާރު ބޭނުން ކޮށްފައިވާ ކަމަށާއި ބާކީހުރި 250 ބިލިޔަން ޑޮލަރު ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ބޭނުންކޮށްނިމޭ އިރު ސައޫދީ އިގްތިސާދު ހުއްޓުމަކަށް އަންނަވަރުގެ މާލީ ބޮޑު ޝޮކެއް އެގައުމަށް ކުރިމަތިވެގެންދާނެ ކަމަށް ޝަރާއިބާ ވިދާޅުވި އެވެ. ސައޫދީގެ އިތުރުން ގަތަރާއި ކުވައިތާއި ވެނެޒުއެލާފަދަ ތެލަށް ބަރޯސާވާ އެހެންގައުމުތަކަށް ވެސް މިޝޮކް އަންނާނެ ކަމަށާއި މީގެތެރެއިން ވެނެޒުއެލާގެ އިގްތިސާދަށް މިހާރު ވެސް ހީނަރުކަން ކުރިމަތިވެފައިވާ އިރު ގަތަރާއި ކުވައިތު ހިފަހައްޓަނީ ފަހަށް ރައްކާކޮށްފައިވާ ރިޒާވް ފައިސާއިންކަން ޝަރާއިބާ ފާހަގަ ކުރެއްވި އެވެ. ޝަރާއިބާގެ އިތުރުން މިފޯރަމްގައި ވާހަކަ ދެއްކެވި އެހެން އިގްތިސާދީ ތަޖްރިބާކާރުން ވެސް ވަނީ މިކަންކަމަށް އިޝާރާތް ކުރައްވައި ތެލަށް ބަރޯސާވާ ގައުމުތަކަށް އިންޒާރު ދެއްވައިފަ އެވެ.
ސައޫދީ އަރަބިޔާއަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ އަދި ޚަރަދުބޮޑު ދިރިއުޅުމެއް އުޅޭ ގައުމެކެވެ. ސައޫދީ އިގްތިސާދުގެ 90 ޕަސެންޓް ތެލަށް ބަރޯސާވެފައިވާ އިރު ތެލުން ލިބޭ އާމްދަނީގެ 50 ޕަސެންޓް ފާއިތު ތިން އަހަރު އެގައުމަށް ވަނީ ގެއްލިފަ އެވެ. މިއީ ގާތްގަނޑަކަށް 750 ބިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ތެލުގެ ތަޖްރިބާކާރުން އަންދާޒާ ކުރާގޮތުން ކުރިޔަށްއޮތް ފަސްވަރަކަށް އަހަރުތެރޭގައި ވެސް ތެލުގެ އަގު ކުރީގެ އަގާ އެއްވަރަށް މައްޗަކަށް ނުދާނެ އެވެ. ނަމަވެސް 2021 ވަނައަހަރަށްފަހު ތެލުގެ އަގު މައްޗަށްދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށް ތަޖްރިބާކާރުން ދެކެއެވެ.
ސައޫދީ އަރަބިޔާއިން ވެސް ވަނީ އެގައުމަކީ ތެލުން ލިބޭ މުއްސަނދިކަމަށް "އެޑިކްޓް" ވެފައި ގައުމެއް ކަމަށްވާތީ އެ ޙާލަތު ބަދަލުކުރަން އަވަސްފިޔަވަޅުތަކެއް އަޅަމުން ގެންދާކަން ދާދިފަހުން އިޢްލާންކޮށްފައެވެ. ސައޫދީ ވަލީއުލްއަހްދުގެ ނައިބު މުހައްމަދު ބިން ސަލްމާން ދާދިފަހުންވަނީ "ސައޫދީ ވިޝަން 2030" ގެނަމުން ނަންދީފައިވާ އިގްތިސާދީ އިސްލާޙީ ޕްލޭނެއް އިޢްލާންކޮށްފަ އެވެ.
މިޕްލޭން ބިނާކޮށްފައި ތެލަށް ބަރޯސާނުވާ އިގްތިސާދެއް ބިނާކުރުމަށާ އަދި ދުބާއިފަދަ ސިނާއަތާއި ޒަމާނީ ވިޔަފާރީގެ މަރުކަޒަކަށް ސައޫދީ އަރަބިޔާ ބަދަލުކޮށްލުމުގެ މައްޗަށެވެ. މިޕްލޭންގެ ދަށުން ސައޫދީ އަރަބިޔާގައި ދިގު މުއްދަތަކަށް ވަޒަންވެރިވެގެން ތިބުމުގެ ފުރުސަތު މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށް ވެސް ދިނުމާއި މުޅި ގައުމުގައި ފަތުރުވެރިކަން ފުޅާކުރުމާއި ދަނޑުވެރިކަން ވެސް ވަރަށްބޮޑަށް ތަރައްގީކުރުން ވެސް ހިމެނާފައިވެ އެވެ.
މީގެ އިތުރުން އެމެރިކާ އާއި ޔޫރަޕުން މިހާރު ގަންނަމުންދާ ބިލިޔަން ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަތުމުގެ ބަދަލުގައި އަމިއްލަ ޓެކްނޮލޮޖީގައި ހަތިޔާރު އުފެއްދުމުގެ ވަރުގަދަ ސިނާއަތެއް ފެށުންވެސް ސައޫދީ ވިޝަން 2030"ގައި ހިމެނެ އެވެ. މިޕްލޭނަށް އަމަލުކުރުމުގެ ކަންތައް މިއަހަރުގެ ޖޫން މަހުން ފެށިގެން ކުރިޔަށްގެންދާ ގޮތަށް ސައޫދީ ވަޒީރުންގެ މަޖިލީހުންވަނީ ނިންމާފަ އެވެ.
ނަމަވެސް ސައޫދީ އަށް މާލީ ޝޮކެއް އައުމުގެ ކުރިން އެގައުމުގެ އިގްތިސާދު ހިފެހެއްޓޭވަރުގެ ބޮޑު އާމްދަނީ އެއް ތެޔޮ ނޫންވަސީލަތްތަކުން ހޯދިދާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. (ނޫސްއެޖެންސީތައް)