17 May 2016, 10:13
މާލެއިން ފުރައިގެން ހއ. ވަށަފަރަށް ދަތުރުކުރި ބޯޓެއް، އެ ރަށަށް ވަނުމުގެ ތެރޭގައި ނެރުގެ ފައިކަށީގައި ޖެހި، ފެތިއްޖެ އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ހއ. ވަށަފަރު "އަރަފާ އެކްސްޕްރެސް" ބޯޓު އަޑިއަށް ދިއުމުގެ ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު ކަމަށެވެ. ބޯޓު އަޑިއަށް ދިއުމާ އެކު އޭގައި ތިބި މީހުން ވަށަފަރަށް ބާލާފައިވާ އިރު، އެ ރަށުގެ ރައްޔިތުންނާ ގުޅިގެން ފުލުހުން މިހާރު ދަނީ ބޯޓު އެއްގަމަށް އެރުވުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ. އަދި ބޯޓު އަޑިއަށް ދިޔައީ އޭގައި ހުރި ހުރިހާ މުދަލާއި ދާގީނާތަކާ ވެސް އެއްކޮށް ކަމަށް ފުލުހުން ބުނެ އެވެ.
އެހެން ނަމަވެސް، ބޯޓުން އޮޔާ ދިޔަ ބައެއް ތަކެތި، ފުލުހުންނާއި އާންމުން ގުޅިގެން ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.