17 May 2016, 09:53
ތެހެރާން (މޭ 17): އިސްލާމް ދީނާ ފުށޫ އަރާ ގޮތަށް ހިންގާ އޮންލައިން މޮޑެލިން އޭޖެންސީތަކެއްގައި މަސައްކަތް ކުރި އަށް މީހަކު، ބުރުގާ ނާޅައި މޮޑެލް ކުރުމާ ގުޅިގެން އީރާނުން ހައްޔަރުކޮށްފައިވާ ކަމަށް ތެހެރާންގެ ސައިބާ ކްރައިމްސް ކޯޓުގެ ޕްރޮސިކިއުޓަރު ވިދާޅުވެއްޖެ އެވެ.
އާއްމުން އެއްވެ އުޅޭ ތަންތަނުގައި އީރާނުގެ އަންހެނުން ބުރުގާ ނާޅައި އުޅުމަކީ މަނާ ކަމެއް ކަމަށް އެ ގައުމުން ވަނީ 1979ގައި ނިންމައިފަ އެވެ. އަދި ދާދި ފަހުން އެ ގައުމުން ވަނީ ސޯޝަލް މީޑިއާގައި ބުރުގާ ނާޅާ ފޮޓޯ އާއްމު ކުރުން ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.
އެ އޮޕަރޭޝަނުގައި އެ ގައުމުން ވަނީ އޮންލައިން މޮޑެލިންގައި ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ 170 މީހަކު ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި 50 ފޮޓޯގްރާފަރުންނާއި މޭކަޕް އާޓީސްޓުންނާއި 58 މޮޑެލުންނާއި 51 ފެޝަން ސެލޫން މެނޭޖަރުންނާއި ޑިޒައިނަރުން ހިމެނޭ ކަމަށް ސައިބާ ކްރައިމްސް ކޯޓުން އާއްމު ކުރި ބަޔާނެއްގައިވެ އެވެ. އީރާނުން ހައްޔަރު ކުރީ އޭގެ ތެރެއިން އަށް މީހުންނެވެ.
ސައިބާ ކްރައިމްސް ކޯޓުގެ ޕްރޮސިކިއުޓަރު، ޖަވާދު ބާބޭ ވިދާޅުވީ އީރާނުން އިންސްޓަގްރާމުގައި ކުރާ ޕޯސްޓުތަކުގެ ފޮޓޯތަކުގެ ތެރެއިން 20 ޕަސެންޓް ފޮޓޯތަކަކީ މޮޑެލިން އޭޖެންސީގެ ފޮޓޯތައް ކަމަށެވެ. އަދި އެއޭޖެންސީތަކުން ދަނީ "އިސްލާމް ދީނުގެ ސަގާފަތާ ނުގުޅޭ" ފޮޓޯތައް އާއްމު ކުރަމުން ކަމަށް ޖަވާދު ވިދާޅުވި އެވެ. (އަލްޖަޒީރާ)