އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޕީއޭގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އާދަމް ހަމަޖައްސަވައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އެގްޒެކްޓިވް ޑިރެކްޓަރު އިސްލާއިލް ހަބީބު މިއަދު ވިދާޅުވީ، ތައުލީމީ ދާއިރާ އިން މަތީ ތައުލީމް ހާސިލުކުރައްވާފައިވާ ޝަރީފް އެ މަގާމަށް ހަމަޖައްސަވާފައި ވަނީ އެކަމަށް ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން ޝަރީފް އެ މަގާމަށް ހަމަޖެއްސެވުމަށް އިންޓަވިއު ކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ދެ މެންބަރުންނާއި އެ ހެން ތިން ކޮމިޝަނަކުން ތިން މެންބަރުން ހިމެނޭ ޕެނަލަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިހަ ބޭފުޅުންނަށް ވުރެ ގިނަ ބޭފުޅުން ކުރިމަތި ލައްވައިފި ނަމަ އަޅުގަނޑުމެން ޝޯޓް ލިސްޓުކޮށްގެން ކުރިއަށް ގެންދަނީ. ނަމަވެސް އެ މަގާމަށް ކުރިމަތިލުމަށް އަޅުގަނޑުމެން ހުޅުވާ ލުމުން 25 ބޭފުޅުން ކުރިމަތި ލެއްވި އޭގެ ތެރެއިން 20 ބޭފުޅުންގެ ޝަރުތު ފުރިހަމައެއްނުވޭ. އަދި އެއް ބޭފުޅެއްގެ އުމުރު ހަމައެއްނުވޭ. ދެން ތިއްބެވި ހަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ނަން ގެންދެވުމުން ބާކީ ތިއްބެވި ތިން ބޭފުޅުންނާ ޕެނަލުން އިންޓަވިއު ކުރުމުން ޝަރީފަށް ވަރަށް މަތީ މާކްސް އެއް ލިބުނު،" ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމަކުން ޝަރީފް އެ މަގާމަށް ހަމަޖައްސަވާފައި ވާތީ މާދަމާ އިން ފެށިގެން ޝަރީފް އޮފީހަށް ނިކުންނަވާނެ ކަމަށެވެ.

ޕީއޭ އިން ބުނީ އިލެކްޝަންސް ކޮމިޝަންގެ މަގާމަކަށް ޝަރީފް ހަމަޖެއްސެވުމާ ގުޅިގެން ޕީއޭގައި އަދާކުރަމުން ގެންދިޔަ މަގާމުން ޝަރީފް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި މިހާރު އެ މަގާމު ފުރުއްވަމުން ގެންދަވަނީ ޕާޓީގެ ޓްރެޝަރާ އަހްމަދު މުސްތަފާ ކަމަށް ވެސް ޕީއޭ އިން ބުންޏެވެ.